05 Oct 2013, 11:01
ލަންޑަން (އޮކްޓޯބަރ 5): އިނގިރޭސިވިލާތުގެ ހޮސްޕިޓަލުތަކުގައި އެނދުމަތިކޮށްފައިވާ ބަލި މީހުންގެ ތެރެއިން އަހަރަކު 1200 އަށް ވުރެ ގިނަ މީހުން އަޅާނުލުމާއި އިހުމާލުގެ ސަބަބުން މަރުވާކަމަށް ކަމާ ބެހޭ ސާވޭއަކާ ޙަވާލާދީ އެގައުމުގެ ނޫހަކުން ބުނެފި އެވެ.
"ސަންޑޭ މިރާ" ބުނާ ގޮތުން ގަސްދުގައި އަޅާނުލުމުގެ ސަބަބުންނާއި އިހުމާލުގެ ސަބަބުން ފަރުވާނުދެވި މަރުވަނީ ހޮސްޕިޓަލުތަކުގައި ތިބޭ ބަލިމީހުންގެ ތެރެ އިން އަމިއްލަ އަށް ނުހިނގޭ އަދި ގޮނޑީގައި ގެންދަންޖެހޭ ފަދަ ޙާލަތްތަކުގައިވާ ބަލި މީހުންނެވެ. މިފަދަ ބަލިމީހުންނަކީ އެކިއެކި ސިއްޙީ މައްސަލަތައް ކުރިމަތިވުމުގެ ސަބަބުން ނުހިނޭ ހާލަތުގައި ތިބޭ މީހުންނެވެ. މިފަދަ ބަލި މީހުންނަށް ބޭސް ދިނުމުގައާއި ކާންދިނުމުގައާއި މެޑިކަލް ޓެސްޓްތައް ހެދުން ފަދަ ކަންކަމުގައި ޑޮކްޓަރުންނާއި ނަރުހުންނާއި އެނޫން ސިއްހީ ޚިދްމަތްތެރިން ގަސްދުގައި ފަރުވާކުޑަކުރުމުގެ އިތުރުން އިހުމާލުވުމުގެ މައްސަލަވެސް ވަރަށް ބޮޑުކަމަށް މިސާވޭ ބުނެ އެވެ.
މިސާވޭ ބުނާގޮތުން އިނގިރޭސިވިލާތުގެ ހޮސްޕިޓަލުތަކުގައިވާ މިފަދަ ބަލިމީހުންގެ ތެރެއިން އަހަރަކު 1238 މީހުން މަރުވަނީ އިހުމާލާއި ގަސްދުގައި ފަރުވާކުޑަކުރުމުގެ ސަބަބުން ކަމަށާ އެހެންނޫންނަމަ މި ބައިމީހުންގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމުގައެވެ. "ސަންޑޭ މިރަރ" ގައިވާ ސާވޭގެ ރިޕޯޓްގައިވާގޮތުން އިނގިރޭސިވިލާތުގެ އެސެކްސް ޕްރޮވިންސް ގެ ބެސިލްޑަން ހޮސްޕިޓަލަކީވެސް އިހުމާލާއި ގަސްދުގައި ފަރުވާކުޑަކުރުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް މިބާވަތުގެ ބަލިމީހުން މަރުވާ ހޮސްޕިޓަލެކެވެ. މިގޮތުން މިދިޔަ އަހަރު އެހޮސްޕިޓަކުން މިގޮތަށް ތިންމީހަކު މަރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.
އަދި ސެރެބްރަލް ޕޯލްޒީ ނަމަކަށް ކިޔާ ސިކުނޑީގެ ބައްޔެއްގެ ސަބަބުން ނުހިނގި ގޮނޑީގައި ގެންދަންޖެހޭ ޒުވާން އަންހެން ކުއްޖެއް ކަމަށްވާ 21 އަހަރުގެ ލީޒާ، އިނގިރޭސި ސަރުކާރުގެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވަނިކޮށް މަރުވެފައިވަނީވެސް އަޅާނުލުމާއި އިހުމާލުގެ ސަބަބުންކަން "ސަންޑޭ މިރަރ" އަށް އެކުއްޖާގެ މަންމަ މޭރީ ޝާޕް ކަށަވަރު ކޮށްދީފައިވެއެވެ. ލީޒާގެ ފުއްޕާމޭގައި ފެންހެދިގެން އެކަމަށް ފަރުވާދިނުމަށް އެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާއިރު އެ ހޮސްޕިޓަލުން އޭނާއަށް ދީފައިވަނީ އެބަލީގެ ފަރުވާގެ ބަދަލުގައި ތަދުކަނޑުވާ ބޭސް ކަމަށާ ލީޒާ މަރުވިކަން ހޮސްޕިޓަލުގެ ކަމާބެހޭ ފަރާތްތަކަށް ކަށަވަރުކޮށް ދިނީވެސް އެތަށް ގަޑީއިރެއް ފަހުންކަމަށް އޭނާގެ މަންމަ ބުނެފައިވެއެވެ. (ސަންޑޭ މިރަރ)