05 Oct 2013, 10:53
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެ އަދި ހުޅުމާލެ އިން ދޫކުރި ފްލެޓްތައް ކާމިޔާބުކުރި ފަރާތްތަކަށް އަމާޒުކޮށްގެން އެސްޓިއޯ އިން ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ޕެކޭޖު ތައާރަފުކޮށްދެއްވި އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ އެ ޕެކޭޖުގެ ދަށުން ގޭބީސީތަކަށް ބޭނުންވާ ހިޓާޗީ އައިސް އަލަމާރިން ފެށިގެން ދޮންނަމެޝިން، އެއާކޮންޑިޝަން އަދި ފިލިޕްސް ބްރޭންޑްގެ ބަދިގެ އަދި ސިޓިންގްރޫމަށް ބޭނުންވާ ވަރަށް ގިނަ ސާމާނު އާންމު އަގަށް ވުރެ 20 ޕަސެންޓް އަގު ހެޔޮކޮށް ލިބޭނެ ކަމަށެވެ.
އެސްޓީއޯ އިން ބުނީ އެ ޕެކޭޖުގައި ހިމެނޭ ތަކެތި ގަންނަ ފަރާތްތަކަށް އިސްލާމިކް ބޭންކް މެދުވެރިކޮށް ވެސް މުދާ ނެގޭނެ ކަމަށެވެ. އަދި ބުނީ އެ ޕެކޭޖުން މުދާ ގަންނަ ފަރާތްތަކަށް ހިލޭ އެ ތަކެތި ގެންގޮސްދޭނެ ކަމަށެވެ.
ހިޓާޗީގެ ކޮންމެ ޕްރޮޑަކްޓަކަށް އެއް އަހަރާއި ހަ މަސް ދުވަސް އަދި ފިލިޕްސްގެ ބަދިގެ ސާމާނުތަކަށް ދެ އަހަރު ދުވަސް އަދި އިލެކްޓްރޯނިކް ސާމާނުތަކަށް އެއް އަހަރުގެ ވޮރެންޓީ ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އެ ރޭގެ ހަފްލާގައި ވަނީ އެސްޓިއޯ އިން މި އަހަރު ހިންގާފައިވާ ހަތަރު ޕްރޮމޯޝަނެއްގެ ނަސީބުވެރިން ވެސް ހޮވައިފަ އެވެ.