05 Oct 2013, 10:34
ގައުމީ ޔުނިވާސިޓީން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ މައުލޫމާތު ދިނުމަށް ބާއްވާ "ފަހި ދުވަސް" ފަށައިފި އެވެ.
ބުރާސްފަތި ދުވަހު ހަވީރު ބާ ޖަމާލުއްދީނުގައި ހުންނަ ޔުނިވާސިޓީގެ ޖީ ބްލޮކުގައި ފެށި އެ ފެއާ ހުޅުއްވައިދެއްވީ ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އަދި ސަރުކާރުގެ އެމްބެސެޑަރުކަން ވެސް ކުރެއްވި އަބުދުލް އަޒީޒު ޔޫސުފެވެ.
ފަހި ދުވަހާއި ގުޅޭ ގޮތުން މައުލޫދެއްވަމުން ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޝައިހް ފައްޔާޒު އަލީ މަނިކު ވިދާޅުވީ އެ ފެއާގައި ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީއަކުން ޖުމްލަ 13 ސްޓޯލެއް ހެދިފައި ހުންނާނެ ކަމަށެވެ. އަދި ސްޓޯލްތަކުގައި މައުލޫމާތު ދެއްވަމުން ގެންދަވާނީ އެ ކޯސްތަކުގައި ކިޔަވައިދެއްވާ ބޭފުޅުންނާއި ބައެއް ކިޔަވާ ކުދިން ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ އެ ފެއާގައި ދަރިވަރުންނަށް ކޯސްތަކަށް ވަނުމަށް ފަހިކޮށްދިނުމަށް ފޮޓޯ ކޮޕީ ނަގައިދިނުމާއި ވަގުތުން އެޓެސްޓުކުރުމުގެ ހިދުމަތުގެ އިތުރުން އިހްތިޔާރު ކުރާނެ ކޯހެއް ނޭނގޭ ކުދިންނަށް ކެރިއާ ގައިޑަންސް ޕްރޮގްރާމްތަކެއް ވެސް ދެވިގެން ދާނެ ކަމަށެވެ. މީގެ އިތުރުން މިއަންނަ އަހަރު ހުޅުވާލެވޭ ސްކޮލޮޝިޕްތަކުގެ މައުލޫމާތާއި އެ ސްކޮލޮޝިޕްތަކަށް ވަނުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފަހިދުވަސް ކުރިއަށް ދާނީ މިއަދާއި މާދަމާ ހަވީރު ހަތަރަކުން ރޭގަނޑު 11 ޖަހަންދެން ނެވެ. އަދި ފަހިދުވަސް ޔުނިވާސިޓީގެ ހަތަރު ކެމްޕަހުގައި ވެސް ކުރިއަށްދާނެ ކަމަށް ޔުނިވާސިޓީން މައުލޫމާތުދެ އެވެ.
ގައުމީ ޔުނިވާސިޓީން ވަނީ އަންނަ އަހަރުގެ ފުރަތަމަ ޓާމުގައި 11 ދާއިރާއަކުން 218 ކޯހަކަށް ޖުމްލަ 7130 ކުދިންނަށް ޖާގަ ހުޅުވާލާފަ އެވެ. އޭގެތެރޭގައި ސެޓްފިކެޓް ތިނަކުން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތަކެއް ހިމެނޭ އިރު މުޅިން އަލަށް ދިވެހި ބަހުގެ ބެޗެލާސް ކޯހަކާއި ސެޓްފިކެޓް ތިނެއްގެ ޓުއާގައިޑިން ކޯހަކާއި އިސްލާމިކް ސްޓަޑީޒްއިން މާސްޓާސް އިން އާޓްސްގެ ކޯހެއް ފެށުމަށްވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ސާނަވީ، މަތީ ސާނަވީ އަދި އަންޑާ ގްރެޖުއޭޓުންގެ ތެރެއިން މަތީ ފާސް ހޯދާ ފަރާތްތަކަށް ގައުމީ ޔުނިވާސިޓީގެ ހަރަދުގައި އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާގައި ވަނީ 22 ސްކޮލޮޝިޕުގެ ފުރުސަތެއް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން އަންޑާ ގްރެޖްއޭޓާއި ޕޯސްޓް ގްރެޖްއުއޭޓާއި ޓިއުޝަން ފްރީގެ ސްކޮލިޝިޕްތަކެއް ހިމެނޭ ކަމަށް ޔުނިވާސިޓީން މައުލޫމާތުދެ އެވެ.