ރާއްޖެއާ އިންޑިއާއަކީ އެންމެ ގާތް ދެއަވަށްޓެރިންނެވެ. އެއީ ގައިމުވެސް ބަދަލުވާނެ ކަމެއް ނޫނެވެ. ދެގައުމުގެ ގުޅުމަށް ކޮންމެ ގޮތެއް ވެދިޔަސްމެ އެވެ. މިދެގައުމުގައި މިއުޅެނީ ނަސްލީ، ސަގާފީ އަދި އެނޫން ވެސް އެތައް ގޮތަކުން ގުޅިފައިވާ ބައެއް މެއެވެ.

ރާއްޖޭގެ އަވަށްޓެރިންގެ ތެރެއިން އަބަދުވެސް އެންމެ ގާތް ގުޅުމެއް އަބަދު ވެސް އޮތީ އެގައުމާ އެވެ. ބާޣީންގެ ބަޔަކު 1988 ވަނަ އަހަރު ރާއްޖެއާ ތޮޅެން އައުމުން ވެސް ސަލާމަތް ކުރަން އިންޑިއާ މީހުން އަ އެވެ. ނަމަވެސް އެކަމުގެ އަގަކީ ރާއްޖޭގެ ހުރިހާ ކަމަކާ އިންޑިއާ ބެހުން ކަމަށްވާ ނަމަ ދެން އެއީ އެހީއަކަށް އެބަވޭތޯ އެވެ.

ރާއްޖޭގެ ވެރިކަން ކުއްލި ގޮތަކަށް 2012 ވަނަ އަހަރު ބަދަލުވި ހާދިސާއާ ގުޅިގެން އެގައުމުން ފުރަތަމަ ކަންކުރީ ރަނގަޅަށެވެ. ރާއްޖެ އަށް އަވަސް ހަމަޖެހުމެއް އާދޭތޯ ސަރުކާރު ގަބޫލުކޮށް، އެކީގައި މަސައްކަތް ފެށި އެވެ. ނަމަވެސް އޭރު ރާއްޖޭގެ މަތިފަޑީގައި ތިބި މީހުން އޭރު ގެންގުޅުނީ އެހާ އެކުވެރި ސިޔާސަތެއް ނޫނެވެ. އޭރު ރާއްޖޭގައި ތިބި އިންވެސްޓަރުންގެ ބަޔަކު ބޭރުވުމުގައި ސަރުކާރުން އިންތައް ފަހަނަ އަޅައި ދިޔަ އެވެ. އިންޑިއާގެ މިސްރާބު ބަދަލުވީ އެހިސާބުން ކަމަށް ވެދާނެ އެވެ.

އޭގެ ފަހުން އިންޑިއާ އިން ދިޔައީ ރާއްޖެ އަށް ފަހި ނޫން ގޮތް ގޮތަށް ފިޔަވަޅުތައް އަޅަމުންނެވެ. ވިސާ ދިނުމުގައި ގަވައިދުގައި އިހުނަށް ވުރެ ބޮޑަށް ހަރުކަށިވި އެވެ. ހިލަޔާއި ހިލަވެލި ރާއްޖެ އަށް ވިއްކުން މަނާކުރި އެވެ. އެކަމުގައި ގިނަ ބަހަނާތައް ދެއްކި ކަމަށް ވިޔަސް އެއީ ހިތްހަމަނުޖެހުމުގެ ތެރެއިން ވީ ކަންތައްތައްކަން ވަނީ އެނގިފަ އެވެ.

އެފަދަ ގޮތަކަށް ކަންތައްތައް ހުރި އިންޑިއާގެ މިސްރާބު ކުއްލިއަކަށް ބަދަލުވީ މި އަހަރުގެ ރިޔާސީ އިންތިހާބު ކައިރިވުމުންނެވެ.

ދެން ފެނުނީ އަނެއްކާ ވެސް ވަރަށް އެކުވެރި އިންޑިއާއެކެވެ. ރިޔާސީ އިންތިހާބު ރަނގަޅަށް ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ ކަންތައް އެގައުމުން ބާރަށް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން ރާއްޖޭގެ އިލެކްޝަން ކޮމިޝަނުގެ މެމްބަރުންނަށް ދައުވަތު ދީގެން އެގައުމަށް ގެންދިޔަ އެވެ. އެގައުމުގައި ބޭއްވި އިންތިހާބެއް ބަލައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ދިނެވެ. އަދި އެގައުމުގެ އިލެކްޝަންސް ކޮމިޝަނާއި ރާއްޖޭގެ ކޮމިޝަނުގެ މެމްބަރުންގެ ގުޅުން އިންތިހާ އަށް ރަނގަޅުކުރި އެވެ. އޭގެ ފަހުން ރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުން ގެންދިޔަ އެވެ. ހަމަ އެއާ ވިދިގެން ރާއްޖޭގެ ނޫސްވެރިން ގެންދިޔަ އެވެ.

މިއިން އެއްވެސް ކަމަކީ ގޯސް ކަމެއް ނޫނެވެ. އެއީ އެކުވެރި ކަމެވެ. ނަމަވެސް ސުވާލު އުފެދޭ ފަދަ ގޮތަކަށް އިންޑިއާގެ އަމަލުތައް ފެންނަން ފެށީ ރިޔާސީ އިންތިހާބުގައި މައްސަލަ ޖެހުމުންނެވެ. އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައަކާ ގުޅިގެން ދެވަނަ ބުރު ފަސްކުރަން އަމުރު ކުރި އެވެ. އެހާ ހިސާބުން އިންޑިއާ އިން ވާހަކަ ދެއްކީ އެހާ ޑިޕްލޮމެޓިކް ކޮށް ނޫން ކަމަށް ބުނެވިދާނެ އެވެ. އެގައުމުން ބުނީ ދެވަނަ ބުރު އަވަހަށް ބާއްވަން ޖެހޭ ކަމަށެވެ.

"މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ރާއްޖޭގެ ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ. އެއީ ދިވެހި ރައްޔިތުން އެދޭ ގޮތަށް އިލެކްޓޯރަލް ޕްރޮސެސް އިއާދަ ކުރުމަށެވެ. ޝެޑިއުލްކޮށްފައިވާ ގޮތަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު (ސެޕްޓެމްބަރު 28 ވަނަ ދުވަހު) ބޭއްވުމަކީ އަދި ގާނޫނު އަސާސީގައިވާ ގޮތަށް ދިވެހި ރައްޔިތުން އިންތިހާބު ކުރާ ރައީސަކު 2013ނޮވެމްބަރު 11ގައި ރިޔާސަތާ ހަވާލު ވުމަކީ އެގޮތުން މުހިއްމު ކަމެކެވެ،" އިންޑިއާ އިން އެކަމާ ގުޅިގެން ނެރުނު ބަޔާނުގައިވެ އެވެ.

ދެން ފެނުނީ އަދި މާ ހައިރާން ވާ ކަހަލަ ކަމެކެވެ. ރިޔާސީ އިންތިހާބު ފަސްކުރަން ކުރި އަމުރުގެ ފަހުން ސުޕްރީމް ކޯޓުން އިތުރު އަމުރެއް ނައިސް އޮވެ، ދެވަނަ ބުރު ބާއްވަން ކުރިން ހަމަޖެހިފައި އޮތް ތާރީހާ ހަމައަށް އައީ އެވެ. އެހެންވެ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދުނެވެ. އެކަމާ ބެހޭ ގޮތުން ވަރަށް ސީރިއަސް ބައްދަލުވުމެއް ކޮމިޝަނުގައި އޮތެވެ. ކުއްލިއަކަށް އެތަނަށް ވަޑައިގެންނެވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ އެވެ.

އޭނާގެ އެއަމަލުފުޅާ މެދު ދިވެހި ސަރުކާރުން ނުރުހުން ފާޅުކުރި އެވެ. އޭނާ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށް ސުވާލުތައް ކުރިމަތި ކުރި އެވެ. ނަމަވެސް އެކަންވީ ގޮތެއް އިންޑިއާ ސަރުކާރުން އަދިވެސް ދިވެހިންނަށް ސާފުކޮށެއް ނުދެ އެވެ.

އިންޑިއާގެ ދެމަނަވަރު ރާއްޖެއައީ ހައިކޮމިޝަނަރު އިލެކްޝަން ކޮމިޝަނަށް ވަޑައިގެންނެވިތާ އެއް ދުވަސް ފަހުންނެވެ. އެއީ ތަމްރީނުތަކަކަށް ރާއްޖެ އައި ދެ މަނަވަރު ކަމަށް އެގައުމުން ބުންޏެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފުސީލެއް ނުދެ އެވެ.

އިންޑިއާގެ ކަންތައްތައް މިހިސާބުގައި ހުއްޓައި ރާއްޖޭގެ ކުރީގެ ވަޒީރަކު ވަނީ އިންޑިއާގެ އަސްކަރީ ބާރުތަކުން ރާއްޖޭގެ ކަންތައްތަކަށް ވަނުމަށް ގޮވާލައްވާފަ އެވެ. ރާއްޖޭގެ ކުރީގެ ދެސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. އަހުމަދު ޝަހީދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ރިޔާސީ އިންތިހާބުގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމުގެ ސަބަބުން ރާއްޖެ އަށް އިންޑިއާ ސިފައިން އަރައި ރާއްޖޭގެ ކަންކަމާ ހަވާލުވާން ބޭނުންފުޅުވެލައްވާ ކަމަށެވެ.

ޑރ. ޝަހީދުގެ އެވާހަކަ ފުޅާ ގުޅިގެން ވެސް އެކުވެރި އަވަށްޓެރިއަކު އަދާކުރަން ޖެހޭ ޒިންމާ އިންޑިއާ އިން ވަނީ އަދާ ނުކޮށްފަ އެވެ. އޭނާ ގޮވާލެއްވި ފަދަ ކަމަކަށް އެގައުމުން އިޖާބަ ނުދޭނެ ކަމަށް ވެސް ނުބުންޏެވެ.

ރާއްޖެއާ މެދު އިންޑިއާގެ ކަންތައްތައް މިފަދަ ގޮތަކަށް ހުންނަނީ ކީއްވެތޯ އެއީ ސުވާލު އުފެދޭ ކަމެއް ނޫނެވެ. ރާއްޖޭގައި އެގައުމުގެ މަސްލަހަތު ވަރަށް ބޮޑަށް އެބަ އޮތެވެ.

އިނގިރޭސިވިލާތުގައި 1851 ވަނަ އަހަރުން ފެށިގެން އެކި އެކި ދިރާސާތައްކޮށް ޝާއިއު ކުރަމުން އަންނަ ޓެއިލާ އެންޑް ފްރެންސިސް އިން ކުރި ދިރާސާއަކަށް ފަހު ނެރެފައިވާ ރިޕޯޓެއްގައި ވާގޮތުން އެމެރިކާގެ ގަލްފު އޮއިލް ކުންފުނީގެ ސާފުކުރި ތެޔޮ ދާދި އަވަހަށް ވެގެންދާނީ އިންޑިއާގައި ބޭނުންކުރާ ތެލުގެ 90 ޕަސެންޓަށެވެ. އެއީ ރާއްޖެ ހިމެނޭ ސަރަހައްދު ހުރަސްކޮށް އުފުލަން ޖެހޭ ތެލެވެ. އަދި އޭޝިއާގައި އުފައްދާ ތަކެތީގެ ބޮޑު ބަޔަކީ އިންޑިއާ އިން އުފައްދާ ތަކެތި ކަމަށްވާ އިރު އެތަކެތި ޔޫރަޕާއި އެމެރިކާގެ ބާޒާރުތަކާ ހަމައަށް ފޯރަން އޮތީ މިސަރަހައްދު ހުރަސްކޮށް ދަތުރުކުރާ ކަނޑުބޯޓްތަކުގެ ޒަރީއާއިންނެވެ.

އަދި އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ދައުރުކުރާ މުދަލުގެ 75 ޕަސެންޓަކީ މިސަރަހައްދު ހުރަސްކޮށް އުފުލޭ މުދާ ކަމަށް ވާއިރު އޭޝިއާގައި އިގުތިސާދީ ގޮތުން އެންމެ ބާރަށް ކުރިއަރަމުން އަންނަ، އަދި އެންމެ ގިނަ މުދާ ދައުރު ކުރާ އެއް ގައުމަކީ އިންޑިއާ އެވެ.

ސަލާމަތީ ގޮތުން ބަލާ އިރު ސަލާމަތީ އަދި ދިފާއީ ގޮތުން އިންޑިއާއާ އެންމެ ބޮޑަށް ވާދަކުރަމުން އަންނަ ޗައިނާއިން ދަނީ މިސަރަހައްދު ކޮންޓްރޯލް ކުރުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އެފްރިކާގެ އައްސޭރިފަށުގެ ގައުމުތަކުން ފެށިގެން ސްރީލަންކާއާ ހަމައަށް ޗައިނާ އިން ވަނީ ވިސްނުންތެރިކަމާ އެކު ނުފޫޒު ފޯރުވާފަ އެވެ. ޗައިނާ ކުރިއަރައި، އިންޑިއާ އަށް ހުރަސް އެޅުމުގެ ކުރިން އެކަން ހުއްޓުވުމަށް މިވަގުތަށް އިންޑިއާއަށް އެންމެ މުހިއްމު ގައުމަކީ ރާއްޖެ އެވެ.

ރާއްޖެއާ ގުޅުން ހުރި ކަންކަމުގައި އިންޑިއާގެ "ކަންތައް ގަނޑު" ތަންކޮޅެއް މައްޗަށް ގޮސްގެން އުޅެނީ މިހެންވެ ކަމަށް ބެލެވެ އެވެ. މިއީ ރާއްޖޭން ވިސްނަން ޖެހޭ ކަމެކެވެ. ހާރިޖީ ސިޔާސަތު ވަކި ފަރާތަކަށް ނުޖެހި، ކުރިއަށް ގެންދަން ޖެހެނީ މިހެންވެ އެވެ. އެންމެންނާ އޮންނަ ގުޅުން އެއް މިންގަނޑެއްގައި ބަހައްޓަން ޖެހެ އެވެ. އެހެން ނޫނީ ޑރ. ޝަހީދު އެދިވަޑައިގެންނެވި ފަދަ ކަމެއް ވުން އޮންނާނީ ދާދި ކައިރީގަ އެވެ.