ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީ އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކޯޓުން ނިންމާ ނިންމުން ގަބޫލު ކުރާނެ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

ޗާންދަނީމަގު ދިރާގު ކަންމަތީގައި ރޭ އެމްޑީޕީ އިން ބޭއްވި ސިލްސިލާ އެއްވުމުގައި ބައިވެރިވެވަޑައިގެން ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަވާނީ ވަރަށް ބޮޑަށް ބަލާފައި ކަމަށާއި ސުޕްރީމް ކޯޓުގެ އެނިންމުން އެމްޑީޕީ އިން ގަބޫލް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ސުޕްރީމް ކޯޓުގެ ހުކުމް ގަބޫލު ކުރަން. އަޅުގަނޑުމެން ގަބޫލު ކުރަނީ ސުޕްރީމް ކޯޓުން ހުކުމް ކުރައްވާނީ ވަރަށް އިންސާފުވެރިކޮށް ކަމަށް،" ލުތުފީ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ ސުޕްރީމް ކޯޓުން އަމިއްލަ އަށް ހެކިތަކާ އެއްޗެހި ހޯއްދަވައި، އަމިއްލަ އަށް ތަހުގީގުތައް ހިންގަވާފައި އިންސާފުވެރި ނޫން ހުކުމެއް ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެބޭފުޅުން އަމިއްލަ އަށް ހެކިތަކާ އެއްޗެހި ހޯއްދަވައި، އަމިއްލަ އަށް ތަހުގީގުތަށް ހިންގަވާފައި، މި ހުރިހާ ކަމެއް ކުރައްވާފައި އަޅުގަނޑެއް ގަބޫލެއް ނުކުރަން އިންސާފުވެރި ނޫން ހުކުމެއް ކުރައްވާނެ ކަމަށް." ލުތުފީ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އިންސާފުވެރި ހުކުމެއް ކުރައްވާ އިރު ގައުމުގެ ސުލްހަމަސްލަހަތަށް ބަލަން ޖެހޭ ކަމަށް ލުތުފީ ވިދާޅުވި އެވެ. ހަމައެއާ އެކު ސުޕްރީމް ކޯޓުން އިންސާފުވެރި ނޫން ހުކުމެއް ކޮށްފިއްޔާ ގައުމުގައި ހަމަނުޖެހުން އުފެދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވި އެމްޑީޕީ އާ އެއްފަދައިން ޕީޕީއެމް ވެސް ސުލްހަވެރި އިންތިހާބެއް އަވަހަށް ބާއްވާން ބޭނުންވާނޭ ކަމަށާއި ރައްޔިތުން އިންތިހާބު ކުރާ މީހެއް ނޫން އެހެން މީހަކު ރާއްޖޭގެ ވެރިކަމުގައި ހުންނަ ކަމަށް ވަންޏާ ރާއްޖޭގައި ސުލްހަވެރިކަމެއް ނޯންނާނެ ކަމަށް ވެސް އެ މަނިކުފާން ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ އެމްޑީޕީ އިން ބާއްވަމުން އަންނަނީ ސުލްހަވެރި އެއްވުންތަކެއް ކަމަށާއި އެ އެއްވުންތަކަށް ފުލުހުން ހުރަސް އަޅާ ކަމަށެވެ. އަދި އެކަމާ ހިތާމަކުރައްވާ ކަމަށާއި އެމްޑީޕީގެ އެއްވުމުގައި އުޅޭ މީހުން ހައްޔަރުކޮށްގެން ނުވާނެ ކަމަށާއި އެމީހުނަށް އަނީޔާ ނުކުރުމަށް ވެސް ލުތުފީ ވަނީ ގޮވައިލައްވައިފަ އެވެ.

އެމްޑީޕީ އިން ރޭ ބޭއްވި މުޒާހަރާގައި ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.