05 Oct 2013, 00:50
އޮޑިޓާ ޖެނެރަލްގެ އޮފީހުން 2011 ވަނަ އަހަރު ވަޒީފާއިން ވަކި ކުރި 16 މީހަކަށް ވަޒީފާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ 16 މީހުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ޓްރައިބިއުނަލުން ކުރި ހުކުމްގައި ބުނެފައި ވަނީ އެމީހުންނަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ ބައެއްކަމަށް ނުބެލެވޭނެ ކަމަށެވެ. ކުރިން އެމީހުން އަދާކުރަމުންދިޔަ ވަޒީފާއާ އެއްފެންވަރެއްގެ ވަޒީފާއެއް ދިނުމަށް ފަހު މުސާރައާ އިނާޔަތްތައް ހަމަޖެއްސުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.
އެ ހުކުމް ހައިކޯޓުން ބާތިލް ކޮށްފައި ވަނީ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށް ފަހު ބުރާސްފަތި ދުވަހު އެވެ.
ހައިކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ އޮޑިޓާ ޖެނެރަލް އޮފީހުން ވަޒީފާއިން ވަކިކުރި 16 މުވައްޒަފުންނަކީ އެ އޮފީހުގެ އިދާރީ އޮނިގަނޑަށް 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ގެނައި ބަދަލާ ގުޅިގެން އެމީހުން އަމިއްލައަށް ހުށަހަޅައިގެން ވަޒީފާއިން ވަކިކޮށްފައިވާ ބައެއްކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން ޓްރައިބިއުނަލްގެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.