އަންހެނުންނަށް އިގްތިސާދީ ކުރިއެރުމުގައި ހަރުދަނާ ގޮތުގައި ބައިވެރިނުވެވޭ ނަމަ، ހޯދަން އުޅޭ ގައުމީ ތަރައްޤީ އަޅުގަނޑުމެން އެދޭ މިންވަރަކަށް ނުހޯދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އެމަނިކުފާނު މިއަދު ދެއްވި ރޭޑިއޯ ޚިތާބުގައި، އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން އިއްޔެ ފާހަގަކުރި ދުވަހުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވަމުން ވިދާޅުވީ، ރާއްޖޭގައިވެސް އަދި ދުނިޔޭގައިވެސް އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމަށްވާއިރު، އެމީހުންނަށް ރާއްޖޭގެ ތަރައްގީއާއި އިގްތިސާދު ކުރިއެރުމުގައި ހަރުދަނާ ގޮތުގައި ބައިވެރިނުވެވޭނަމަ، އެންމެ އެދެވޭ ތަރައްގީ ގައުމަށް ނުހޯދޭނެ ކަމަށެވެ.


އެމަނިކުފާނު ވިދާޅުވީ، ކޮންމެ މަސައްކަތުގެ މާހައުލެއްގައި ވެސް އަންހެނުންނަށް ސަލާމަތްކަމާއި ޔަޤީންކަމާ އެކީގައި، މަސައްކަތް ކުރެވެންޖެހޭނެ ކަމަށެވެ. އަދި ވަޒީފާ އަދާކުރާ ތަންތަނުގައިވެސް، ޚާއްޞަކޮށް، ވެރިން، އެމީހުންގެ ދަށަށް ތިބޭ އަންހެން ކުދިންނާ މެދު ހިންގާ ޢަމަލުތަކަކީ ވެސް ނުރަނގަޅު ގޯސް ކަންކަމުގެ ގޮތުގައި ފާހަގަކުރަން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.


އެގޮތުން "އޮފީހުގެ ވެރިޔަކު އަންހެން ކުއްޖަކާ މައްލަވަ ކުރުމަކީ، ކުޑަކަމެއް ނޫން" ކަމަށާއި އެބާވަތުގެ ކަންކަން އޮފީސްތަކުގެ ތެރޭގައި ހިންގައިގެން ނުވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އެހެންނޫނަމަ އަޅުގަނޑުމެންނަށް ދެވޭނީ ދެދުނިޔޭގެ ހަލާކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.


ރާއްޖޭގައިވެސް އަނިޔާ ލިބެމުންދާ އަންހެނުންގެ އަދަދު ކުޑަނޫން ކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އަންހެނުންނަށް މިފަދަ އަނިޔާ ލިބެމުންދާއިރުގައި، ވަރަށްގިނަ އަންހެނުން އެކަމާ އެއްވެސް އެއްޗެއް ނުބުނެ ތިބޭކަމަށެވެ. އެކަމުގެ ސަބަބުން އަންހެނުންނާ ދޭތެރޭ ނޭއްގާނީ އަމަލުތައް ސިއްރިޔާތުގައި ހިނގާ މިންވަރު ވަރަށްގިނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަތްފައިގައި ބާރުގަދަ ފިރިހެނުން ޖިސްމީ ބާރުގެ ގޮތުން ލޫޅާފަތި ނުވަތަ ބަލިކަށި ގޮތުގައި އުފެދިފައިވާ އަންހެނުންގެ ފައިދާ ނަގާނަމަ، އެ ދެވެނީ، ސީދާ ޖަންގަލީގެ ޙުކުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަންހެނުންނަށް އެމީހުންގެ ފިރިންގެ ފަރާތުން ލިބޭ އަނިޔާ ރައްދުވަނީ ހަމައެކަނި އަންހެން މީހާ އަށް ނޫން ކަމަށާއި އެ ދެމަފިރިންގެ ދަރިންނަށް ވެސް އެ އަނިޔާ ރައްދުވެ، ކުދިންނަށް ވަރަށްބޮޑު ނޭދެވޭ އަސަރު ކުރާ ކަމުގައި ރަޢީސް ވިދާޅުވި އެވެ.


"ވަރަށްބޮޑު ދަރަޖައަކަށް މިބާވަތުގެ އަނިޔާތައް ރައްދުވަނީ، އެ ދެމަފިރިންނަށް ލިބިފައިވާ ދަރިންނަށް. ނުވަތަ އެއަންހެން މީހާއަށް ލިބިފައިވާ ދަރިންނަށް.. އަޅުގަނޑުމެން ކޮންމެ ކުއްޖަކީވެސް، މައިންބަފައިންގެ ދަރިން. މަންމައަށް ލިބޭ އަނިޔާ އެއީ ހުރިހާ ކުދިންނަށްވެސް ވަރަށްބޮޑު ނޭދެވޭ އަސަރެއް އެއިން ކުރާނެ ކަމެއް" ރައީސް ވިދާޅުވި އެވެ.


އަނިޔާ ލިބެނީ ކޮންމެ މީހެއްގެ ފަރާތުން ކަމުގައި ވިޔަސް، އަންހެނުންނާމެދު ހިންގޭ އެފަދަ އަނިޔާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަކީ، އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއް ކަމުގައި ރައީސް ފާހަގަކުރައްވި އެވެ. އަދި ރާއްޖޭގައި ހިނގާ މި ނޭދެވޭ ޢަމަލުން، އަރައިގަނެވޭނޭ ގޮތްތަކެއް ހޯދުމަށް އިންތިޒާމުތަކެއް ހަމަޖައްސަން އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.


"ހަމައެކަނި ވާހަކަ އަޅުގަނޑުމެންނެއް ދައްކައިގެން، އަޅުގަނޑެއްވެސް ގަބޫލެއް ނުކުރަން، އަޅުގަނޑުމެންނަށް ފުރިހަމަ ނަތީޖާއެއް ނެރެވިދާނެ ކަމަކަށް. އެހެން ނަމަވެސް، ހުރިހާ ހިސާބެއްގައި، މީގެ މަޢްލޫމާތު، ގިނަގިނައިން ހުރިހާ ފަރާތަކަށްދީ، އެ މަޢްލޫމާތުގެ އަލީގައި ރައްޔިތުންނަށް އެމީހުންގެ ދިރިއުޅުން ބައްޓަން ކުރަމުން، ބިނާކުރަމުން ގެންދެވޭނޭ ގޮތްތަކެއް ހޯދުމުން، އަޅުގަނޑުމެންނަށް މިބާވަތުގެ ކަންކަމާ ދިމާވާ މިންވަރު، ފަހަރު ފަހަރު މަދުވެގެންދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން" އެމަނިކުފާނު ވިދާޅުވި އެވެ.


ރައީސްގެ ވާހަކަފުޅުގައި ޑީއާރްޕީގެ ޕާލިމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލަށް ސަރުކާރުން ތާއީދުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.