ޕީޕީއެމްގެ ސަރުކާރެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ހައްގުވާ އިއްޒަތާއި ޝަރަފާއި އެންމެހައި އިނާޔަތްތަކާއި އިމްތިޔާޒުތައް އެރުވުމަށް ޕީޕީއެމް ކައުންސިލުން ނިންމައިފި އެވެ.

ޕީޕީއެމުން އެގޮތަށް ނިންމީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގަ އެވެ. އެ ހުށަހެޅުން ފާސްވީ ކައުންސިލްގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ. އެ ނިންމުގެ މަގުސަދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރީގެ ރައީސް މައުމޫނާމެދު އަމަލުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް ވާތީ، ގާނޫނުގައިވާ ގޮތަށް އަމަލު ކުރާނެ ކަމުގެ ޔަގީންކަން ރައީސް ވަހީދަށް އެރުވުމަށް ކަމަށް އެ ޕާޓީން ބުންޏެވެ.

ޕީޕީއެމްގެ ކައުންސިލުން ނިންމި ގޮތް ރައީސް ވަހީދަށް ފޮނުވާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

ޕީޕީއެމުން ބުނި ގޮތުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް މައުމޫނާމެދު އަމަލުކޮށްފައި ވަނީ ގާނޫނު އަސާސީގެ 128 ވަނަ މާއްދާ އާއި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނާ ހިލާފަށެވެ.

ޕީޕީއެމް ސަރުކާރެއްގައި ރައީސް ވަހީދަށް އިނާޔަތާއި ރައްކާތެރިކަން ދޭން ނިންމާފައިވާއިރު، އެމަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއިދު ކުރެއްވުމަށް ނިންމަވާފަ އެވެ. ނަމަވެސް ކުއްލިގޮތަކަށް މިދިޔަ ބުދަ ދުވަހުގެ ރޭ ރައީސް ވަހީދާއި ރައީސް ނަޝީދު ވަނީ މުލިއާގޭގައި ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުން ކުރިއަށް ދިޔައީ އެންމެ 15 މިނިޓަށެވެ.