ފަނޑިޔާރުންނާއި އެބޭފުޅުންގެ އާއިލާއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

މިއަދު ހަވީރު 4:00 ގައި ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އިންތި ވިދާޅުވީ ފުލުހުން އޭނާއާ ކުރި ސުވާލަކީ އެމްޑީޕީގެ މުޒާހަރާއެއްގައި ފަނޑިޔާރުންނާއި އެބޭފުޅުންގެ އާއިލާއަށް ބިރުދައްކައި ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް ވާހަކަދައްކާފައިވާނެތޯ ކަމަށެވެ.

އެ ސުވާލުގެ ޖަވާބުގައި ފަނޑިޔާރުންނާއި އެބޭފުޅުންގެ އާއިލާއަށް ބިރުދައްކައި ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ގޮތުން އެއްވެސްކަމެއް ކުރައްވާފައިނުވާނެ ކަމަށް ދަންނަވާފައިވާނެ ކަމަށް އިންތި ވިދާޅުވި އެވެ.

"އަޅުގަނޑުމީ އެއްވެސް ކޯޓެއްގެ ހުރުމަތް ކަނޑާ މީހެއްނޫނޭ. ހަމައެއާއެކު އެއްވެސް ފަނޑިޔާރަކަށް ވެސް އެއްވެސް ފަނޑިޔާރެއްގެ އާއިލާއަށް ވެސް ބިރުދައްކާނެ މީހެއްނޫނޭ. އަދި އެފަދަ އަމަލެއް ހިންގާފަވެސް ނުވާނޭ. އެއީ އަޅުގަނޑު ދިން ޖަވާބަކީ،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ކޮންފަރާތަކުންތޯ ދެންނެވުމުން ދެ ފަރާތަކުން މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ދެންނެވި ކަމަށެވެ. ނަމަވެސް އެއީ ކޮންފަރާތްތަކެއްކަން ހާމަކުރަން ފުލުހުން ދެކޮޅު ހައްދަވާފައިވާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އާއި މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދުވެސް މީގެކުރިން ފުލުސް އޮފީހަށް ވަނީ ހާޒިރުކޮށްފަ އެވެ.

ފުލުހުންގެ ސުވާލުތަކަށް ޖަވާބުދެއްވައި އަލްހާން ވިދާޅުވެފައި ވަނީ ފަނޑިޔާރުންނާއި އެބޭފުޅުންގެ އާއިލާއަށް ބިރުދެއްކުމުގެ ގޮތުން އެއްވެސް ކަމެއް އޭނާ ކުރައްވާފައިނުވާނެ ކަމަށެވެ.

މުހައްމަދު ރަޝީދާއި ފުލުހުން ސުވާލު ކުރެއްވުމުން އޭނާ ވަނީ ގާނޫނު އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރައްވާފަ އެވެ.