04 Oct 2013, 13:50
ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމުގެ ތުހުމަތުގައި އިތުރު ދެ މީހަކު ސަސްޕެންޑުކޮށްފި އެވެ.
ސިފައިންގެ ތެރޭގައި ފިތުނަފަސާދަ އުފެއްދުމުގެ ތުހުމަތުގައި ސަސްޕެންޑް ކޮށްފައިވަނީ ސާޖަންޓް ފަސްޓް ކްލާސް އަލީ ވަހީދާއި ލާންސް ކޯޕްރަލް ޝަހުރާބު ރަޝީދެވެ.
އިއްޔެއިން ފެށިގެން އެ ދެ މީހުންވެސް ސަސްޕެންޑުކޮށްފައި ވަނީ ސިފައިންގެ ވަޒީފާއާބެހޭ ގަވާއިދުގެ ހަތްވަނަ ބާބުގެ ހަތަރު ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ދެ މީހުންގެ ތެރެއިން އަލީ ވަހީދު ސަސްޕެންޑް ކޮށްފައި ވަނީ ސިފައިންގެތެރޭގައި ފިތުނަ ފަސާދައާއި ބައިބައިވުން އުފެއްދުމުގެ ތުހުމަތުގައި ކަމަށެވެ. އަދި ޝަހުރާބު ރާޝިދު ސަސްޕެންޑް ކޮށްފައި ވަނީ ސިފައިންގެއާގުޅޭ މައުލޫމާތު ހާމަކުރަންނުޖެހޭ ފަރާތްތަކަށް ހުއްދަނެތި ހާމަކޮށްފައިވާތީ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ދެ މީހުންގެ އިތުރުން އިތުރު މީހަކު ވެސް މީގެކުރިން ސަސްޕެންޑުކޮށްފައި ވެއެވެ.
ފަސްޓް ލެފްޓެނަންޓް ޢަބްދުﷲ ޝަރީފު ވެސް ސަސްޕެންޑުކޮށްފައި ވަނީ ސިފައިންގެތެރޭގައި ފިތުނަ ފަސާދައާއި ބައިބައިވުން އުފެއްދުމުގެ ތުހުމަތުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.