04 Oct 2013, 12:29
މިހާރު ރާއްޖެއަށް ކުރިމަތިވެފައި މިވާ ނުތަނަވަސް ކަމުން ރާއްޖެ ސަލާމަތް ކުރުމަށް މަސައްކަތް ކޮށްދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފި އެވެ.
ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ދުވަހުގެ މުނާސަބާގައި ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ފޮނުއްވި މެސެޖްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ ވެށި މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ.
"ބްރޯޑްކާސްޓިން ދުވަސް މި އަހަރު ފާހަގަކުރާއިރު، ދިވެހި ރާއްޖޭގެ ސިޔާސީ ވެށި މި ވަނީ ވަރަށް ނާޒުކު ފައްތަރެއްގައި. މި ހުތޫރަތްތެރި ދަނޑިވަޅުގައި، ގައުމުގެ މަސްލަހަތު އިސްކޮށް، ރައްޔިތުން އެކަތިގަނޑަކަށް ހެދުމުގައި ބްރޯޑްކާސްޓަރުން އަދާކުރަންޖެހިފައި ވަނީ ވަރަށް ވެސް މުހިންމު މަސްއޫލިއްޔަތެއް. މި މުހިންމު ގައުމީ މަސްއޫލިއްޔަތު ޒިންމާދާރުކަމާ އެކު އަދާކުރައްވައި، މި ނުތަނަވަސްކަމުން ގައުމު ސަލާމަތްކުރެއްވުމަށް މަސައްކަތް ކޮށްދެއްވުން އެދި ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް އަޅުގަނޑު މިއަދު އިލްތިމާސް ދަންނަވަން." ޝަހީބު ވިދާޅުވެފައި ވެއެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ އަޅުގަނޑުމެންގެ މުޖުތަމައުގެ އިޖުތިމާއީ ފޭރާން ވީދިގެން ދާހިނދު، ހަމައެކަނި ބަހަކުން ފުއްދަވައި ނުލައި ރައްޔިތުންގެ ހިތްތަކުގެ ހަމަޖެހުން ކަށަވަރުކޮށްދެއްވައި އެންމެ އެދޭ ޚިދުމަތްތައް އަވަސްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މުޖުތަމައު ޖަރީކޮށްދިން ރިވެތި އާދަކާދަތަކާއި މުއްސަނދި ސަގާފަތާއި ޖަރީވެފައިވާ އިޖުތިމާއީ ފޭރާން ލޫދިގެން ދާހިނދު، ވީދިގެން ދާހިނދު، ހަމައެކަނި ބަހަކުން ފުއްދަވައި ނުލައްވައި، މިގައުމާއި ރައްޔިތުން، މިދީނާއި ސަގާފަތް، މިއާދަކާދަ އާއި މިވަޠަނުގެ ލޯބި، މިގައުމު އެދިގޮވާ ހިތްތަކުގެ ހަމަޖެހުން ކަށަވަރުކޮށްދެއްވައި، މިހިނދަށް އެންމެ އެދޭ ޚިދުމަތްތައް އަވަސްކޮށްދެއްވުމަށް އިޚުލާސްތެރިކަމާ އެކު އެދި ދަންނަވަން" މެސެޖްގައި ވިދާޅުވެފައި ވެއެވެ.