04 Oct 2013, 12:25
އެންމެ ހަ ސިކުންތުން ދަތްތައް ފުރިހަމައަށް ސާފުކޮށް އުނގުޅާލެވޭ ދަތް އުނގުޅާ ބުރުހެއް ޑެސްޓިސްޓުންގެ ޓީމަކުން އުފައްދައިފި އެވެ.
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެ ބުރުސް އުފެއްދި "ބްލިޒީޑެންޓް" ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވަނީ، ކޮންމެ ކަސްޓަމަރަކަށް ވެސް އެމީހެއްގެ ދަތްތަކަށް ހާއްސަކޮށްގެ އުފައްދަންޖެހޭ "ބްލިޒީޑެންޓް ޓޫތު ބްރަޝް" އުފައްދަނީ އެމީހާގެ ދަތްޕިލައިގެ ތްރީޑީ ސްކޭންއެއް ކުރުމަށްފަހު ތްރީޑީ ޕްރިންޓިން ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކަމަށެވެ.
ބްލިޒީޑެންޓް ޓޫތު ބްރަޝްއަކީ އަހަރަކު އެއްފަހަރު ބަދަލުކުރަން ޖެޙޭ ގޮތަށް ތައްޔާރުކޮށްފައިވާ ބުރުހެކެވެ. އޭގައި ދަތްތައް ރީއްޗަށް ސާފުކުރުމަށް 400 ނަރުކޮޅު ހުންނަ އިރު ދައްތައް ސާފުކުރުމަށްޓަކައި ބްލިޒީޑެންޓް ބުރުސް އަނގައިގެ ތެރެއަށް ލުމަށްފަހު އޭގައި ދަތްއަޅައި، ހަފާލުމަށްފަހު ދެ ދަތްޕިލާ ރަނގަޅަށް ފިތޭވަރަށް ބާރުކޮށްލުމަށް ފަހު ދެފަރާތައް ދަތްޕިލާ ތަޅުވާލުމުން ވަރަށް ރީއްޗަށް ދަތްޕިލާ ސާފު ވާނޭކަމަށް އެ ބުރުސް އުފެއްދި ޓީމުން ވަނީ ބުނެފަ އެވެ.
"މި ބުރުހުން އެއްވެސް އުނދަގުލަކާ ނުލައި، ދަތްޕިލައިގެ ހުރިހާ ދޭތެރެއަކާއެކީ ހުރިހާ ދަތެއް ވަރަށް ފަސޭހަ ކަމާއެކު ރީތިކޮށް ސާފުކޮށްދޭނެ،" ކުންފުނީގެ ވެބްސައިޓުގައިވެ އެވެ. "އާދައިގެ ބުރުހަކުން ދަތް އުނގުޅަން ތިންމިނިޓުވަރު ހޭދަކުރަން ޖެހޭއިރު ބްލިޒީޑެންޓް ޓޫތު ބްރަޝް އިން އެންމެ ހަ ސިކުންތުގެ ތެރޭގައި ތިބާގެ ދަތްތައް އެންމެ ފުރިހަމައަށް މި ބުރުހުން ސާފުކޮށްލެވޭނެ."
ބްލިޒީޑެންޓް ކުންފުނިން ބުނެފައިވަނީ އެ ކުންފުނީގެ އާ ދަތްއުނގުޅާ ބުރުސް އަހަރު ދުވަހު ބޭނުން ކުރެވޭއިރު އޭގެ ބުރުހެއް ފުރަތަމަ ގަތުމަށް 405 ޑޮލަރު (6245ރ.) ބޭނުންވާނެ ކަމަށެވެ. އަދި އަހަރު ހަމަވުމުން ނަރުތައް އާކުރުމަށާއި ބުރުސް ސާވިސް ކުރުމަށް 159 ޑޮލަރު (2452ރ) ހޭދަކުރަން ޖެހޭނެ ކަމަށެވެ.
ބްލިޒީޑެންޓް ކުންފުނިން އަލަށް އުފެއްދި މި ދަތް އުނގުޅާ ބުރުހުން ދަތް އުނގުޅުމުގެ އިތުރުން އެއްވަގުތެއްގައި ދަތްތައް ފްލޮސް ކުރުމާއި ދޫ ސާފުކުރެވޭ ގޮތަށްވެސް ކަސްޓަމަރު ބޭނުން ނަމަ ބުރުސް ފަރުމާކޮށްދެއެވެ.