04 Oct 2013, 02:11
މަޖީދީމަގުގައި ހުންނަ ރީފްސައިޑް ފިހާރައިގެ ދޮރުފަތުގެ ބިއްލޫރިގަނޑެއް މިރޭ ތަޅާލައިފި އެވެ.
ސަންއާ ވާހަކަދައްކަމުން ހާދިސާ ހިނގި އިރު އެ ސަރަހައްދުގައި ހުރި މީހަކު ބުނީ އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ މިރޭ ދަންވަރު ގާތްގަނޑަކަށް 1:05 އެހާ ކަންހާއިރު ބާރު ސްޕީޑުގައި ސައިކަލެއްގައި ދުއްވާފައި ދިޔަ މީހެއް ކަމަށެވެ.
"ބާރު ސްޕީޑުގައި ސައިކަލަކުން ދިޔަ މީހަކު ގާބުރިއެއް އެއްލާލުމުން ބިއްލޫރިގަނޑު ތަޅައިގެން ދިޔައީ،" އެމީހާ ބުންޏެވެ.
އޭނާ ބުނީ ހާދިސާ ހިނގި ވަގުތު ހިނގާބިނގާވެ އުޅޭ މީހުން ފިޔަވައި އިތުރު އެއްވެސް ބަޔަކު އެ ސަރައްދުގައި ނެތް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރީފްސައިޑު ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލުމުން އެތެރޭގައި ހުރި އެއްވެސް އެއްޗަކަށް ގެއްލުންލިބިފައެއް ނުވެ އެވެ.
މިކަމާ ބެހޭގޮތުން ފުލުހުންނާ ގުޅާލުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.
ތަންތަނަށް ގެއްލުންދިނުމާއި މީހުންގެ މުދަލުގައި ހުޅުޖެހުންފަދަ ކަންތައް ފަހަކަށް އައިސް މާލޭގައި ވަނީ އިތުރުވެފަ އެވެ.