04 Oct 2013, 00:52
ރާއްޖޭގައި ގާއިމުވެފައިވާ ދިމިގްރާތީ ނިޒާމުގެ މަތިން ރައްޔިތުން ފޫހިވެ އިތުބާރު ގެއްލޭ ގޮތަށް އަމަލު ނުކުރުމަށް އެޗްއާރުސީއެމުން އެދެފި އެވެ.
އެޗްއާރުސީއެމުން އެގޮތަށް އެދިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އިންސާނީ ހައްގުތައް ނަގަހައްޓާ ރައްކާތެރި ކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅިގެން ޕީޕީއެމް އާއި، ޖުމްހޫރީ ގުޅުން އަދި އެމްޑީޕީއާއެކު މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.
އެޗްއާރުސީއެމުން ބުނީ އެއްވެސް ފަރާތެއްގެ ސިޔާސީ އަދި މަދަނީ ހައްގެއް ގެއްލިގެންދިޔަ ނުދިނުމަށާއި ރިޔާސީ އިންތިޚާބު ކާމިޔާބު ކަމާއެކު ބޭއްވުމަށް ބޭނުންވާ އަމާން އޮމާން މާހައުލެއް ދެމެހެއްޓުމުގެ މުހިންމު ކަމުގެ މައްޗަށް އެބައްދަލުވުން ތަކުގައި ވާހަކަދެކެވުނު ކަމަށެވެ.
އެގޮތުން ކުރި މަޝްވަރާތަކުގައި ސިޔާސި ޕާޓީތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަންކަމުގެ ތެރޭ ރުޅިވެރި ކަމާއި އަނިޔާވެރިކަން އަދި ފިތުނައާއި ހަމަނުޖެހުން އުފެދޭ ގޮތަށާއި ހަޤީޤަތް އޮޅޭގޮތަށް އަދި މަސްލަހަތު ގެއްލޭ ގޮތަށް ބަސްމަގާއި އަމަލުތައް ނުބެހެއްޓުމަށް އެދިފަވެއެވެ. އަދި ދައުލަތުގެ ތިންބާރާއި މިނިވަން މުސްތަޤިއްލު މުއައްސަސާތަކާއި މަޤާމުތަކުގެ ހައިބަތާއި ޤަދަރުކުޑަވާ ގޮތަށާއި އަދި ރައްޔިތުންގެ މެދުގައި އެފަރާތްތަކާ މެދު އިތުބާރު ގެއްލޭ ގޮތްގޮތަށް ވާހަކަނުދެއްކުމަށް އެދިފައިވެއެވެ.
މީގެއިތުރުން ވެސް މިހާރު ރާއްޖޭގައި ގާއިމުވެފައިވާ ދިމިޤްރާތީ ނިޒާމުގެ މަތިން ރައްޔިތުން ފޫހިވެ އިތުބާރު ގެއްލޭ ގޮތަށާއި، އިންސާނީ ހައްޤުތަކަށް އިހްތިރާމު ކުރުމުގެ އާދަ ނުހިފެހެއްޓޭނެ ގޮތްގޮތަށް ބަސްމަގާއި އަމަލުތަށް ނުބެހެއްޓުމަށް އެޗްއާރުސީ އެމުން ވަނީ ޕާޓީތަކުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އަދި އެއްވެސް ފަރުދަކަށް ބިރުދައްކައި އަނިޔާވެރި ނުވުމާއި ދައުލަތާއި ރައްޔިތުންގެ މުދަލަށާއި ތަކެއްޗަށް ގެއްލުންދޭން ހިތްވަރު ލިބޭ ގޮތަށް އެއްވެސް ވާހަކައެއް ނުދެއްކުމަށް ވެސް އެދިފައި ވެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު، ކުރިމަތިވެފައިވާ ކަންކަމާއި ގުޅިގެން އެޗްއާރްސީއެމްއިން އިލެކްޝަންސް ކޮމިޝަން އާއެކު ވެސް މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މިބައްދަލުވުމުގައި އެޗްއާރްސިއެމް އަށް ފާހަގަ ކުރެވިފައިވާ މުހިއްމު ކަންތައްތަކެއްގެ އިތުރުން ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރު އޮބްޒާރވް ކުރުމަށްފަހު އެޗްއާރްސީއެމް އިން ނެރެފައިވާ ރިޕޯޓްގެ ހުށަހެޅުންތަކާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.