މަދަނީ ޖަމިއްޔާތަކަށް ބިރުދެއްކުމަށް ހޯމް މިނިސްޓްރީން އުޅޭކަމަށް ބުނެ ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެކަން ކުށްވެރިކޮށްފި އެވެ.

އެޗްއާރްސީއެމުން އެގޮތަށް ބުނެފައި ވަނީ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަވަހަށް ނިންމުމަށް ގޮވާލައި އެ ކޯޓުގެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ގޮތަށް ބަޔާން ނެރުނު ޖަމްއިއްޔާތަކުގެ މައްސަލަ ބާލާނެ ކަމަށް ވިދާޅުވެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު ބައެއް މީޑިއާތަކަށް އިންޓަވިއުދެއްވާފައި ވަނިކޮށެވެ.

އެކަން ކުށްވެރިކޮށް އެޗްއާރްސީއެމުން މިއަދު ވަނީ ހޯމް މިނިސްޓްރީ އަށް ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ ރާއްޖޭގައި މަސައްކަތްކުރާ މަދަނީ ދެ ޖަމުއިއްޔާ ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ މެދު ފިޔަވަޅު އަޅައި އުވާލާނެ ކަމަށް ވިދާޅުވެ އަބްދުﷲ މުހައްމަދު މީޑިއާގައި ދައްކަވާފައިވާ ވާހަކަފުޅަކީ ބިރުދެއްކުމާއި ބިރުގެންނެވުމުގެ އަމަލެއް ކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށެވެ.

މިފަދަ އަމަލުތަކަކީ ގާނޫނު އަސާސީންނާއި ރާއްޖެ ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކުގެ މުއާހަދާއިން ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޖަމިއިއްޔާ ޖަމާއަތްތައް ހެދުމުގެ މިނިވަންކަމަށް ހުރަސްއެޅުންކަމުގައި އެ ކޮމިޝަނުން ގަބޫލު ކުރާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.