03 Oct 2013, 23:30
މިހާރު މާލޭގައި ހިންގާ މުޒާހަރާތަކާ ގުޅިގެން ހައްޔަރުކުރާ މީހުން އާންމު އުސޫލެއްގެ ދަށުން "ސްޓްރިޕް ސާޗު"ކުރަމުންދާ ކަމުގެ ޝަކުވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހުށަހަޅަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އެޗްއާރުސީއެމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ"ސްޓްރިޕް ސާޗު" ކުރުމަކީ އިންސާނީ ގަދަރާއި ކަރާމާތަށް ކުޑައިމީސްކަން އަންނަ ކަމެއްގެ ކަމަށާއި އެއީ އިންސާނީ ހައްޤަށް ލިބޭ އުނިކަމެއްގެ ގޮތުގައި އެ ކޮމިޝަނުން ޤަބޫލުކުރާ ކަމަށެވެ. އަދި އެކަމަށް ހައްލެއް ގެނެސް ފުލުހުންގެ ޤަވާޢިދުތަކުގައިވާ ފަދައިން، އެނޫން އެއްވެސް ގޮތެއް ނެތިގެން މެނުވީ ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި ވެސް އެއްވެސް ފަރާތެއްގެ އިންސާނީ ކަރާމާތަށް ބުރޫ ނައަރާނެފަދަ ގޮތަކަށް ނޫނީ ނުކުރެވޭނެ ކަމެއް ކަމުގައި ކަށަވަރުކުރުމަށް ބާރު އެޅުމުގެ މަޤްސަދުގައި އެ ކޮމިޝަނުން ފުލުހުންނާ ބައްދަލުކޮށްފައިވާ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ ބަރަހަނާކޮށް ބަލާފާސް ކުރުމުގައި ތަފާތުކުރުންތައް ގެންގުޅުމާބެހޭ ގޮތުންނާއި ކޮމިޝަންގެ ނެޝަނަލް ޕްރިވެންޓިވް މެކެނިޒަމް (އެންޕީއެމް)އިން ޕޮލިސް ސްޓޭޝަންތަކަށް ކުރި ޒިޔާރަތުގައި "ސްޓްރިޕް ސާޗު" ކުރުމާއި ގުޅޭގޮތުން ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ގަވާއިދުގައި ބަލާފާސްކުރުމުގެ އުސޫލު މިހާރުހުރި ކަންކަމުގެ އިތުރުން އެ ޤަވާއިދަށް މާއްދާތަކެއް އިތުރުކުރުމަށް އެޗްއާރުސީއެމުން ވަނީ ހުށަހަޅާފަ އެވެ.
އެގޮތުން ހުށަހަޅާފައިވާ ކަންތަކުގެ ތެރޭ، ހަށިގަނޑު ގާތުން ބަލައި ފާސްކުރެވޭނީ ބަންދުކުރާ ފަރާތުގެ ހުއްދައާ އެކީގައިކަން ނުވަތަ އޭނާ ހުއްދަދޭ ފަރާތެއްގެ ހާޒިރުގައި ކަމަށް ހެދުމާއި "ސްޓްރިޕް ސާޗު"ކުރުމަށް ފަހު ސާޗް ކުރި މީހާ އެކަމާ ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަޅަންބޭނުންވާނަމަ އެ ފުރުސަތު އެމީހާއަށް ވަގުތުން ދިނުން އަދި އެމީހާއަށް އެފުރުސަތު ލިބިގެންވާކަން އެންގިކަން ލިޔެކިޔުމުން ފެންނަގޮތަށް ބެލެހެއްޓުން ހިމެނެ އެވެ.
މީގެއިތުރުން ވެސް ބަލާފާސްކުރުމަށް ހުއްދަ ހޯދާ ފަރާތަކީ ފުލުހުންގެ ޕޮލިސް ސްޓޭޝަން އިންސްޕެކްޓާ ލެވެލްގެ ބޭފުޅަކަށްވުން ވުމާއި، ސާޗް ކުރުމަކީ ޑީގްރޭޑިން ޓްރީޓްމަންޓަކަށް ވާއިރު އެކަން ކުރަން ވާނީ، އެކަމަށް ޚާއްސަ ޓްރެއިނިން ލިބިފައިވާ އަދި އެކަމަށް ހުއްދަ ދީފައިވާ ފަރާތްތަކެއް ކަމަށް ކަނޑައެޅުމަށް ވެސް އެޗްއާރުސީއެމުން ހުށަހަޅާފައިވެއެވެ. އަދި ސާޗް ކުރިޔަށްދާ ވަގުތު އެކަމަށް ކޮންމެހެން ދޭންޖެހޭ އިންސްޓްރަކްޝަންސްގެ އިތުރުން އެއްވެސް ވާހަކައެއް ނުދެއްކުމާއި، ހަރަކާތެއް ނުކުރުމާއި އިޝާރާތް ނުކުރުން ހިމެނުމަށް ވެސް ހުށަހަޅާފައިވެ އެވެ.
އެޗްއާރުސީއެމުން މީގެ ކުރިން ވެސް ވަނީ "ސްޓްރިޕް ސާޗު"ކުރުމުގެ ކަންތައް އިސްލާހް ކުރުމަށް ފުލުހުންނަށް ހުށަހަޅާފަ އެވެ.
"ސްޓްރިޕް ސާޗު"ކޮށްގެން ފުލުހުން ފާސް ކުރަމުންދާ ކަމުގެ ޝަކުވާއާ ގުޅިގެން އެޗްއާރްސީއެމުން ދެއްކި ވާހަކަތަކަށް، ފުލުސް އޮފީހުން ބުނީ ފުލުހުން އަމަލު ކުރަމުންދަނީ ފުލުހުންގެ ތެރޭގައި ހަދާފައިވާ އާންމު ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
"ސްޓިރިޕް ސާޗު" ކުރުމަކީ ގައިގާ އަތްލައިގެންނާއި އަދި ބަރަހަނާކޮށްގެން ބަލައި ފާސްކުރުމެވެ.