މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ހިއްސާ އާންމުންނަށް ވިއްކަން ސަރުކާރުން ނިންމައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދު މިއަދު ވިދާޅުވީ އެމްއޭސީއެލްގެ ހިއްސާ ވިއްކަން ނިންމާފައި ވަނީ ކެބިނެޓްގެ އިކޮނޮމިކް ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

އޭނާ ވިދާޅުވީ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގަމުން އަންނަ އެ ކުންގުނީގެ ހިއްސާ ވިއްކުމުގެ އަމަލީ މަސައްކަތްތައް އަންނަ ހަފްތާގެ ތެރޭގައި ފަށާނެ ކަމަށެވެ.

އެމްއޭސީއެލްއަކީ ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ. އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު އެ ކުންފުނިން ހިންގަމުން ދަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވަނީ އިންޑިއާގެ ޖީއެމްއާރާއި އެއާޕޯޓު 25 އަހަރަށް ކުއްޔަށް ދީފަ އެވެ. އޭގެފަހުން މިހާރުގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ ޖީއެމްއާރުގެ އެއްބަސްވުން އުވާލައި އެމްއޭސީއެލްގެ ދަށަށް އެއާޕޯޓް ގެނެސްފަ އެވެ.