ލަންކާގައި ހުންނަ ޕީޕީއެމް ކެމްޕޭން ޖަގަހަތެރެއިން ފުލުހުން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީން ފަތުރާފައިވާ ޚަބަރުތައް ޕީޕީއެމުން ދޮގުކޮށްފި އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޕީޕީއެމް ލަންކާގެ ކެމްޕޭން މެނޭޖަރު އަބްދުއްރަޝީދު ވިދާޅުވީ ރާއްޖެ ޓީވީން ފަތުރާފައި ވަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށާއި އެ ޚަބަރު އިވުމުން ކުއްލި ހައިރާންކަމެއް ލިބުނު ކަމަށެވެ.

"އަޅުގަނޑަށް ކުއްލި ހައިރާންކަމެއް ލިބުނީ ރާއްޖެ ޓީވީން އެ ޚަބަރު ކިޔާލި އަޑުއިވުމުން. އެވަގުތު އަޅުގަނޑުމެން ތިބީ ޖަގަހައިގެ ތެރޭގައި،" އަބްދުއްރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން އެކަހަލަ ޚަބަރުތައް ފަތުރަމުން ގެންދަނީ ކާމިޔާބު ކަމާއެކީ ލަންކާގައި އެޕާޓީން ކެމްޕޭން ހަރަކާތްތައް ކުރަމުންދާތީ އެކަމާ ހަޖަމް ނުކުރެވިގެން ކަމަށެވެ. އަދި ވިދާޅުވީ އެ ޖަގަހައިގައި ސިޔާސީ ހަރަކާތްތައް ހިންގާ ބައެއް ވަގުތުތަކުގައި އެމްޑީޕީގެ ސަޕޯޓަރުން ޖަގަހަ ކައިރިއަށް އެއްވެ ކެންޕޭނަށް ހުރަސްއަޅަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ލަންކާގައި ހުންނަ އެމްޑީޕީ ޖަގަހައިގައި ތަފާތު އެކި ފަހަރުމަތިން އެ ޕާޓީގެ ސަޕޯޓަރުން މަސްތުވާތަކެތި ބޭނުންކުރަމުންދާތީ އިމާރާތުގެ ވެރިފަރާތުން މީގެދުވަސްކޮޅެއް ކުރިން އެތަން އަތުލާފައިވާ ކަމަށް ވެސް އަބްދުއްރަޝީދު ވިދާޅުވި އެވެ.