ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިޔުޓީ ލީޑަރުގެ މަގާމަށް ކިނބިދޫ ދާއިރާގެ މެމްބަރު މޫސާ ޒަމީރު އިންތިހާބުކޮށްފި އެވެ.

ޒަމީރު އެ ގާމަށް އިންތިހާބު ކޮށްފައި ވަނީ މިއަދު ބޭއްވި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރީޕްގެ ބައްދަލުވުމަށް ހާޒިރުވި 17 މެމްބަރުންގެ އިއްތިފާގުން ކަމަށް، ޕީޕީއެމުން މިއަދު ބޭއްވި ނޫސްކޮންފަރެއްސެއްގައި އެ ޕާޓީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.

މިއަދުގެ ނޫސްކޮންފަރެންސުގައި މޫސާ ޒަމީރު ވިދާޅުވީ ކޮންމެ ހަފްތާ އަކު އެއް ފަހަރު ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު މަޖިލީހުގައި ހިނގާ ކަންކަމާ މެދު މަޖިލީހުގައި އެ ޕާޓީގެ ޕަލިމެންޓްރީ ގްރޫޕްގެ ބޭފުޅުންގެ މެދުގައި މަޝަވަރާކޮށް ގޮތްތައް ނިންމަވާނެ ކަމަށެވެ.

"ކޮންމެ ހަފްތާ އަކު އެއް ފަހަރު ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް އޮންނާނެ. އަދި ކޮންމެ ދުވަހަކު މަޖިލީހުގައި ހިނގާ ކަންކަމާ މެދު މަޖިލީސްގައި އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުން ވެސް ދާނީ ބާއްވަމުން،" ޒަމީރު ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މިއަދު ފެއްޓި މަޖިލީހުގެ އައު ދައުރު ވެގެންދާނީ ވަރަށް ހަލަބޮލި ދައުރަކަށް ކަމަށާއި އަދި ޗެލެންޖުތަކާ ކުރިމަތިވާނެ ދައުރަކަށް ކަމަށެވެ. އެއީ ފުރަތަމަ ފަހަރަށް އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި ވުމުން އެ ބޭފުޅުން ޕީޕީއެމް އަށާއި އިދިކޮޅު ފަރާތްތަކަށް ވަރަށް ގިނަ ދަތިތައް ކުރިމަތި ކުރުވާނެ އަދި ފިއްތުންތައް ކުރިމަތި ކުރުވާނެ ދައުރަކަށްވާނެ ކަމަށެވެ. ނަމަވެސް ވަރަށް ސާބިތުކަމާ އެކު ޕީޕީއެމް އިން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެބޭފުޅުން މަސައްކަތް ކުރައްވާނެ އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑު ދަތިތަށް ކުރިމަތި ކުރުވާނެ. ހަމައެއާކީ މިހާރު މިއޮތް ސަރުކާރަށް އިތުރު ޕްރެޝާ ދޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.