03 Oct 2013, 17:00
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ގޭބަންދަށް ބަދަލުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާޒިމް ގޭބަންދަށް ބަދަލުކުރީ މިއަދު ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އޭނާ ގޭބަންދަށް ބަދަލުކޮށްފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފައި ވަނިކޮށެވެ.
އާޒިމް ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
ފަރީދީމަގު އެފްޑީއައި ސަރަހައްދުގައި ކުރި އެ މުޒާހަރާގައި އާޒިމް ވަނީ ފުލުހުންގެ ބެރިކޭޑުތައް ފަޅާލައި ފުލުހުންގެ ސަފުތެރެ އަށް ވަދެގަތުމަށް މުޒާހަރާގެ ބައިވެރީންނަށް އިރުޝާދު ދެއްވައިފަ އެވެ.
އާޒިމް އެގޮތަށް އިރުޝާދު ދެއްވަން ފެށުމާ އެކު ފުލުހުން ވަނީ އެކަން ހުއްޓާލުމަށް ތަކުރާރުކޮށް އެތަކެއް ފަހަރު އޭނާ އަށް ނަސޭހަތްތެރިވެފަ އެވެ. ނަމަވެސް ފުލުހުންގެ އެންގުމަށް ތަބާނުވުމުން އެންމެ ފަހުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.
އާޒިމް ހައްޔަރު ކުރި ވަގުތު ފުލުހުން އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ އެ މައްސަލަ ބަލަން ފަށާފަ އެވެ. އެގޮތުން އެކަމާ ގުޅޭގޮތުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަންގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް އެ ކޮމެޓީއަށް ހާޒިރުކޮށްފައި ވެއެވެ.
އާޒިމަށް އަނިޔާ ކުރިމަށް ދެކެވެމުންދާ ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ.