25 Nov 2010, 16:34
ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި މީހުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި "ތިނަކުން އެކެއް" މި ނަމުގައި މަދަނީ ޖަމިއްޔާތައް ގުޅިގެން ކޭމްޕޭނެއް ފަށައިފި އެވެ.
މިއަދު މެންދުރު ޔޫ.އެން ބިލްޑިންގައި އޮތް ރަސްމިއްޔާތެއްގައި ތިނަކުން އެކެއް ކެމްޕޭން އިފްތިތާހުކުރުމުގެ ގޮތުން ގެވެށި އަނިޔާގެ މައްޗަށް ތައްޔާރުކޮށްފައިވާ ޚާއްސަ ލަވައެއް އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް ހާމިދު ޝަފީގު ލޯންޗްކޮށްދެއްވި އެވެ.
ތިނަކުން އެކެއް ކޭމްޕޭނާ ގުޅޭ ގޮތުން މޯލްޑިވިއަން ނެޓްވޯކް އޮން ވައަލެންސް އެގެއިންސްޓް ވިމެންގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ފާތިމަތު އާފިޔާ ވިދާޅުވީ، މިއަދު ލޯންޗްކުރި ކޭމްޕޭނުގެ މަގުސަދަކީ އަންހެންނުންނަށް ކުރާ އަނިޔާ މުޖުތަމައުގެ ތެރެއިން މުޅިން އެއްކޮށް ނައްތާލުން ކަމަށެވެ. އެހެންކަމުން، މި ކެމްޕޭނު ލޯންޗްކޮށްފައި މިވަނީ އަންހެނުންނަށް ކުރާ އަނިޔާތައް ނައްތާލުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަސް ކަމަށްވީ ނަމަވެސް، މި ކެމްޕޭނަކީ ހަމައެކަނި މިއަދަށް އަމާޒްކުރާ އެއްޗެއް ނޫން ކަމަށާއި ގެވެށި އަނިޔާތައް ހުއްޓުވުމުގައި އެކަށީގެންވާ ނަތީޖާއެއް ނެރެވެންދެން ތިނަކުން އެކެއް ކެމްޕޭނު ދިގުދެމިގެންދާނެ ކަމަށް ވެސް އާފިޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އުއްމީދުކުރަނީ މިއަދަކީ ހަމައެކަނި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ ދުވަހެއް ގޮތަށް ފާހަގަކޮށްލާ ނިންމާލާކަށެއް ނޫން. އެހެންނަމަވެސް ދިގުލައި، އަޅުގަނޑުމެންނަށް ރަނގަޅު ނަތީޖާއެއް ފެންނަންދެން އަޅުގަނޑުމެން ޖަމިއްޔާތަކާއި އެހެން މީހުންނާ ވެސް ގުޅިގެން މަސައްކަތްކުރުމަށް،" އާފިޔާ ވިދާޅުވި އެވެ.
ގެވެށި އަނިޔާ ހުއްޓުވުމަށް ފަށާފައިވާ ދަތުރުގެ ފުރަތަމަ ފޯކަސް ހުއްޓިފައި ހުރީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައިވާ ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލަށެވެ. އެ ބިލު ފުރިހަމަ ޤާނޫނެއްގެ ސިފައިގައި ވުޖޫދަށް ގެނައުމަށް ބާރު އަޅައި، އެ ޤާނޫނަށް ރައްޔިތުން ހޭލުންތެރިކުރުވުން އެއީ ތިނެކުން އެކެއް ކެމްޕޭނުގެ މައިގަނޑު ބޭނުން ކަމަށް އާފިޔާ ވިދާޅުވި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި، މުޖުތަމައުގެ ތެރޭގައި ޒަމާނުއްސުރެ އުފެދިފައިވާ އަންހެނުންނަށް އަނިޔާކުރުމާއި އަދި އެކަން ސިއްރުކުރުމުގެ ސަގާފަތާ ގުޅޭ ގޮތުން ކުރީގެ ޖެންޑާ މިނިސްޓަރު އަދި ހޯޕް ފޯރ ވިމެން ޖަމިއްޔާގެ ފައުންޑަރ މެމްބަރ އަނީސާ އަހްމަދު ވާހަކަދެއްކެވި އެވެ. އަނީސާ ވިދާޅުވީ، 1991 ވަނަ އަހަރާއި 2000 ވަނަ އަހަރާ ހިސާބުގައި ވެސް ގެވެށި އަނިޔާގެ ވާހަކައަކީ "މުޖުތަމައުގައި ދެކެވުނު ވާހަކައެއް ނޫން" ކަމަށެވެ.
އެއީ އެވާހަކަ ދައްކަން މީހުން ބޭނުންނުވާތީ ކަމަށާއި އަދި އަޅުގަނޑުމެންގެ މުޖުތަމައުގައި އެކަން ފެތުރިފައި އޮތް ކަން ވެސް މީހުން ގަބޫލުކުރަން ބޭނުން ނުވާތީ ކަމުގައި އަނީސާ ވިދާޅުވި އެވެ.
ނަމަވެސް، މިއަދު ޒުވާނުން އިސްނަގައިގެން އެ ސަގާފަތް ބަދަލުކުރުމަށް ފަށާފައިވާ ކަން ފާހަގަކުރުއްވައި، މި މަސައްކަތުގައި ކުރިއަށް ދިއުމަށް ހުރިހާ ޖަމިއްޔާތަކަށާއި ޒުވާނުންނަށް އަނީސާ ގޮވާލެއްވި އެވެ.
"ތިނަކުން އެކެއް" މި ނަން ކެމްޕޭނަށް ދީފައި ވަނީ 15 އަހަރާއި 49 އަހަރާ ދެމެދުގެ ކޮންމެ ދިވެހި އަންހެނަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި އަނިޔާއެއްގެ ޝިކާރައަކަށްވެފައިވާ މީހެއް ކަމަށް ވާތީ އެވެ. އަދި އެ އުމުރު ފުރައިގެ ކޮންމެ ފަސް އަންހެނަކުން އެކަކަށް ބައިވެރިޔާގެ ފަރާތުން ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައިވާ ލިބިފައިވާ ކަމަށް ވެސް 2006 ވަނަ އަހަރު ކުރެވުނު އެ ދިރާސާއަކުން ދައްކަ އެވެ.