މިދިޔަ އަހަރުގެ އެފްއޭކަޕް މުބާރާތުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އެފްއޭއެމް އިން ދިން ތަށި އެ އިދާރާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް (ސާޔާ)އާ ހަވާލު ކުރި ކަމަށް މާޒިޔާއިން ބުނި ކަމަށް އެފްއޭއެމްއިން ބުނާ ވާހަކަ އެ ޓީމުން ދޮގުކޮށްފި އެވެ.

އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލްޓީމްސް އަލީ ސުޒޭން ކުރިން ވިދާޅުވެފައި ވަނީ، އެންމެފަހުން އެފްއޭކަޕްގެ ތަށި ކާމިޔާބު ކުރީ މާޒިޔާއިން ކަމަށާއި އެ ޓީމުން އެ ތަށި ހަވާލު ކުރި ކަމަށް ވަނީ އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް (ސާޔާ) ކަމަށެވެ.

"އެފްއޭކަޕް މިދިޔަ އަހަރު ކާމިޔާބު ކުރި މާޒިޔާއާ އެ ތަށި އެންމެ ފަހުން ހަވާލު ކުރެވިފައި ވަނީ. އެކަމަކު އެޓީމުން ބުނަނީ އެމީހުން ވާނީ އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލްއާ ތަށި ހަވާލުކޮށްފައި ކަމަށް. ދެން އަޅުގަނޑު ގަބޫލެއް ނުކުރަން ޝާހު ތަށި ފޮރުވަފާނެ ކަމަކަށް، ނުވަތަ އެ ގެންގޮސްފާނޭ ކަމަކަށް،" ސުޒޭން "ސަން"އަށް ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް ޝާހުއާ ތަށި ހަވާލުކުރި ކަމަށް ބުނާ ވާހަކަ ދޮގު ކުރަށްވައި، މާޒިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހުސައިން ޝާފިއު މިއަދު ހަވީރު "ސަން"އަށް ވިދާޅުވީ މާޒިޔާއިން އެފަދަ ގޮތަކަށް ބުނެފައި ނުވާނޭ ކަމަށާއި އެއީ އެފްއޭއެމް އިން ކަނޑަ އެޅިގެން ހަދާ ބޮޑު ދޮގެއް ކަމަށެވެ.

"އަޅުގަނޑުމެން ނޯންނާނެ އެފްއޭއެމްގައި ބުނެފައެއް ޝާހުއާ ތަށި ހަވާލުކުރި ކަމަކަށް. އަޅުގަނޑުމެން ބުނެފައިވާނީ، އެފްއޭކަޕް ޓްރޮފީ އެފްއޭއެމްއާ ހަވާލުކޮށްފައި ވާނޭ ކަމަށް،" ޝާފިއު ވިދާޅުވި އެވެ. "ދެން އަޅުގަނޑުމެން ޓީމާ ޝާހުއާ ޖެހޭ ގޮތަށް މިފަދަ ވާހަކައެއް ދައްކާތީ އަޅުގަނޑުމެން ވަރަށް ކަންބޮޑު ވެއްޖެ."

ރާއްޖޭގެ މީޑިއާގައި މިއަދު "އެފްއޭކަޕް ޓްރޮފީ" ގެއްލިޖެ ކަމުގެ ހަބަރު ފެތުރުމާއެކު، އޭއެފްސީ 19 އަހަރުން ދަށުގެ ކޮލިފައިންގައި މެޗު ކޮމިޝަނަރުކަން ކުރުމަށް ކުވޭތުގައި ހުންނެވި ސާޔާ ވެސް ވަނީ އޭނާގެ ބޮލުގައި އެފަދަ ތުހުމަތެއް އަޅުވާފައި ވާތީ އެކަމާ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށާއި އަދި އޭނާ އެފްއޭއެމްގައި އަދާކުރެއްވެވީ އެތަނަށް ގެންނަ ތަކެއްޗާ ހަވާލުވާ މީހެއްގެ ވަޒީފާ ނޫން ކަމަށް ވެސް ވިދާޅުވެފަ އެވެ.

މާޒިޔާއިން އެފްއޭއެމްގެ ވާހަކަތައް ދޮގުކުރުމުން އެކަމާ ގުޅޭ ގޮތުން "ސަން"އިން އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލް ޓީމްސް އަލީ ސުޒޭންއާ ގުޅާލުމުން އޭނާ ވިދާޅުވީ، މާޒިޔާއިން އެބުނާ ދުވަސްވަރު، އެފްއޭއެމް ހިންގުމުގައި އެންމެ އިސްކޮށް ހުންނެވީ ޝާހު ކަމަށްވާތީ އެގޮތަށް ވިދާޅުވީ ކަމަށެވެ.

"އަޅުގަނޑުމެން މިހާރުގެ އެޑްމިން އިން އެފްއޭއެމްއާ ހަވާލުވިއިރު އެ ތައްޓެއް މިތަނުގައި ނެތް. ދެން އަޅުގަނޑު ނުދަންނަވަން ޝާހު ތަށި ގެންދެވީ އެކޭ. އެކަމަކު އެ ތަށި މާޒިޔާއިން އެފްއޭއެމްއާ ހަވާލު ކުރިއިރު މިތަން ހިންގަން ޖެނެރަލް ސެކްރެޓަރީއަކަށް ހުންނެވީ ޝާހު. އެ ވާހަކަ އަޅުގަނޑު ދެންނެވީ،" ސުޒޭން ވިދާޅުވި އެވެ.

އެފްއޭކަޕްގެ ފައިނަލްގައި މާދަމާ ރޭ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ކުޅެން ނުކުންނަ އިރު އެފްއޭއެމް އިން ބުނީ، މާދަމާ ރޭ މުބާރާތުގެ ފައިނަލް މެޗު ކުޅެންވާ އިރަށް އާ ޓްރޮފީއެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.