03 Oct 2013, 16:34
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނާޒިމް އެ މަގާމުން ވަކިކޮށްފި އެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ނާޒިމް އެ މަގާމުން ވަކިކޮށްފައިވާކަން އިއްޔެގެ ވަގުތެއްގައި އޭނާ އަށް އަންގާފައިވާ ކަމަށާއި ނާޒިމް އެމަގާމުން ވަކިކޮށްފައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ޅ.ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ކަމަށެވެ.
އެ މާއްދާގައި ބުނެފައި ވަނީ ވަޒީރުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށް ޓަކައި ބޭނުންވާ މަގާމުތަކަށް މީހުން އައްޔަން ކުރުމަކާއި އެ މަގާމުތަކުން މީހުން ވަކިކުރުމާއި އެ މީހުން އިސްތިއުފާ ގަބޫލްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ނާޒިމް އޮފީހަށް ނުނިކުންނަވާތާ ވެސް މިހާރު ދުވަސް ކޮޅެއް ވެއްޖެ އެވެ.
ނާޒިމަކީ ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް ކަމުގެ މަގާމު ވެސް އަދާކޮށްފަ އެވެ. ނަމަވެސް އެމަގާމުން އޭނާ އިސްތިއުފާދީފައި ވަނީ އަމިއްލަ އަށެވެ. އޭގެ ފަހުން އޭނާ ފެނިފައި ވަނީ ޖުމްހޫރީ ޕާޓީގެ ޖަލްސާތަކުންނެވެ.