މި ދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލުވެ އިންތިހާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރެއް އަލުން ބާއްވަން ޖެހިއްޖެ ނަމަ މި އަހަރުގެ ނޮވެމްބަރު 11ގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބުކޮށް ނިންމާނުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބުކޮށް ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން ކަނޑައެޅުމަށް ގާނޫނު އަސާސީގައި އޮތް ނަމަވެސް ފުރަތަމަ ބުރެއް އަދި ދެ ވަނަ ބުރެއް އަލުން ބާއްވަން ޖެހިއްޖެ ނަމަ އެ މުއްދަތަށ އެކަން ނުކުރެވޭނެ ކަމަށެވެ.

"މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ދެވަނަ ބުރު އަލުން ބާއްވަން ޖެހިއްޖެ ހާލަތެއްގައި މި އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބުކޮށް ނިންމައެއް ނުލެވޭނެ އެވެ." އިލެކްޝަނުން ނެރުނު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެކޮމިޝަނުން އިތުރަށް ބުނެފައި ވަނީ އެ ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ގާނޫނުތަކާއި ގާނޫނު އަސާސީ ނެގެހެއްޓުމަށް ކަމަށާއި ނަމަވެސް މި އަހަރު އެކަން ހިނގަން އޮތީ އެގޮތަށް ކަމަށް ވާތީ އެކޮމިޝަނުން އެކަން ސާފުކޮށްދޭން ބޭނުންވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ، އެ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރެއްވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ފަރާތުން އަންނަނީ ސުޕްރީމް ކޯޓުގައި ޗެލެންޖު ކުރަމުންނެވެ.

އެ ޕާޓީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ވޯޓުލީ މީހުންނާއި ޝަރުތު ހަމާ މީހުންގެ ލިސްޓުގައި ބޮޑެތި ތަފާތުތަކެއް ހުރި ކަމަށް ބުނެ، އެ ލިސްޓް ދެއްކުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދުމުން ގަވާއިދު ތަން ނުދޭ ކަމަށް ބުނެ ލިސްޓް ނުދެއްކުމުންނެވެ. އަދި ހައި ކޯޓުގެ އަމުރުގައި ވޯޓު ލީ މީހުންގެ ލިސްޓް ސުޕްރީމް ކޯޓަށް ދެއްކުމަށް އަމުރު ކުރުމުން ވެސް މައުނަވީ ގޮތެއްގައި އެ ލިސްޓް ޖުމްހޫރީ ޕާޓީ އަށް ދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުތިރާޒުކޮށްފަ އެވެ.