ކައުންސިލް ތަކުގެ އުމުރު ގާނޫނުގައި ކަނޑައެޅުމަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ނ) އާއި (ށ)އަށް އިސްލާހު ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ. އެ އިސްލާޙް މަޖިލީހަށް ބަލައި ގަތުމަށް ފެންނަ ކަމަށް ވޯޓް ދެއްވީ 44 މެންބަރުންނެވެ. އަދި ވަކިކޮޅަކަށް ވޯޓް ނުދެއްވާ ހަ މެންބަރަކު ތިއްބެވި އެވެ.

ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ އިދާރީ ދާއިރާތަށް ހިންގުމަށްޓަކައި އިންތިހާބު ކުރެވޭ ކައުންސިލް ތަކުގެ ރައީސް އާއި ނައިބް ރައީސް އިންތިހާބު ކުރާނީ އެ ކައުންސިލެއްގެ މެންބަރުންގެ ތެރެއިން އެ ކައުންސިލްގައި ހިމެނޭ މެންބަރުންގެ ސިއްރު ވޯޓުންނެވެ. އަދި (ނ) ގައި ބުނެފައި ވަނީ އިދާރީ ދާއިރާތަށް ހިންގުމަށްޓަކައި އިންތިހާބު ކުރެވޭ ކައުންސިލް ތަކުގެ އުމުރަކީ ތިން އަހަރު ކަމަށެވެ.

ގާނޫނޫއަސާސީގެ 231 މައްދާގެ (ށ)އަށް އާމިރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށް އިންތިހާބު ކުރެވޭ ރައީސް އާއި ނައިބް ރައީސް އިންތިހާބު ކުރާނެ ގޮތް ގާނޫނުގައި ކަނޑައަޅާފައި އޮންނަންވާނެ ކަމަށެވެ. އަދި އެ މާއްދާގެ (ނ) އަށް އާމިރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށް އިންތިހާބު ކުރެވޭ ކައުންސިލް ތަކުގެ އުމުރު ގާނޫނުގައި ކަނޑައަޅާފައި އޮންނަން ވާނެ ކަމަށެވެ.

ގާނޫނުއަސާސީ އަށް އެ އިސްލާޙް ހުށަހެޅުއްވުމަށް ފަހު އާމިރު ވިދާޅުވީ ކައުންސިލް ތަކަށް މެންބަރުން އިންތިހާބު ކުރަނީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި އެހެން ކަމުން އެ ކައުންސިލް ތަކުގެ ރައީސް އާއި ނައިބް ރައީސް ވެސް އިންތިހާބު ކުރަން ޖެހޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަކީ އެންމެ ޑިމޮކުރެޓިކް ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާމިރު އިތުރަށް ވިދާޅުވީ ކައުންސިލް ތަކުގެ އުމުރު ތިން އަހަރަށް އޮތުމުން އެންމެ އެކަށީގެންވާ ގޮތެއްގައި ކައުންސިލް ތަކަށް މަސައްކަތް ނުކުރެވޭ ކަމަށެވެ. އަދި ރާއްޖޭގައި އިންތިހާބު ކުރެވޭ ހުރައި އެހެން ހުރިހައި މަގާމް ތަކެއްގެ އުމުރަކީ ފަސް އަހަރު ކަމަށްވެފައި ކައުންސިލް ތަކުގެ އުމުރު ތިން އަހަރަށް އޮތުން އެއީ އެންމެ އިންސާފު ވެރި ގޮތެއް ކަމަށް ނުދެކޭ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ބަހުސް މަރުހަލާގައި އެމްޑީޕީ އާއި ޑީއާރްޕީގެ މެންބަރުން ވިދާޅުވީ މި ވަގުތަކީ ގާނޫނުއަސާސީ އަށް އިސްލާޙު ގެންނަން އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށެވެ. އަދި ވިދާޅުވީ މިހާރު ގައުމުގެ ހާލަތު އޮތް ގޮތުން ގާނޫނު އަސާސީއަށް އިސްލާހު ގެނައި ނަމަވެސް އެގޮތަށް އަމަލު ކުރާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް އެ ދެ ޕާޓީގެ މެންބަރުން ވިދާޅުވި އެވެ.