03 Oct 2013, 15:31
ރައީސް ޑރ. މުހައްމަދު ވަހީދު ތަސްދީގު ނުކުރައްވާ އަލުން ވިސްނުމަށް މަޖިލީހަށް ފޮނުވި ޖަލުތަކާއި ޕެރޯލްގެ ބިލް އަނެއްކާ ވެސް ކޮމެޓީ އަށް ފޮނުވައިފި އެވެ.
ޖަލުތަކާއި ޕެރޯލްގެ ބިލް ކޮމެޓީ އަށް އަލުން ފޮނުވުމަށް ވޯޓް ދެއްވީ 46 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓް ދެއްވި އެވެ. އެހެން ކަމުން އެ ބިލް ވަނީ ގައުމީ ސަލާމަތު ކޮމެޓީއަށް ފޮނުވާފަ އެވެ. މިއީ އެ ބިލް ކޮމެޓީއަށް ފޮނުވި ހަތަރުވަނަ ފަހަރެވެ.
އެންމެ ފަހުން ޖަލުތަކާއި ޕެރޯލްގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައި ވަނީ ނިމިދިޔަ މަޖިލީހުގެ ދެ ވަނަ ދައުރުގަ އެވެ.
ޖަލު ތަކާއި ޕެރޯލްގެ ބިލް ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލައްވާފައި ވަނީ އެ ބިލްގައި ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށް ބަންޑާރަ ނައިބު ލަފާއަރުވާފައި ވާތީ ކަމަށް ރައީސް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
މިއަދުގެ ބަހުސް މަރުހަލާގައި ގައުމީ ސަލާމަތު ކޮމެޓީގެ މުގައްރިރު އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ ކޮމެޓީން އެންމެ ފަހުން އެ ބިލް އިސްލާހު ކޮށް ކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވައިގެން ފާސް ކުރީ ރައީސް އޭރު ވިދާޅުވި ގޮތަށް ބިލަށް އިސްލާހު ގެނައުމަށް ފަހުގައި ކަމަށެވެ. އަދި އޭރު ކޮމެޓީން ނިންމާފައި ވަނީ ރައީސް ބިލް ތަސްދީގް ނުކުރައްވައި ފޮނުވާލައިފި ނަމަ ބިލަށް އެއްވެސް ބަދަލެއް ނުގުނެސް ބިލް ފާސް ކުރުމަށް ކަމަށް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އެންމެ ފަހުން ބިލަށް ގެނެސްފައިވާ އިސްލާހު ތަކަކީ ބައިނައްއަގުވާމީ މިންގަނޑު ތަކަށް ފެތޭ ގޮތަށް ގެނެސްފައިވާ އިސްލާހު ތަކެއް ކަމަށެވެ. އަދި މިހާރު އެ ބިލަށް ގެނސްފައިވާ އިސްލާހު ތަކަކީ މި ވަގުތަށް އެ ބިލަށް ގެނެވޭނެ އެންމެ ރަނގަޅު އިސްލާހު ތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަލުތަކާއި ޕެރޯލްގެ ބިލްގައިވާ ގޮތުން ޖަލުތައް ހިންގައި ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ނަމުގައި ވަކި މުއައްސަސާއެއް އުފައްދަން ޖެހޭނެ އެވެ. އަދި އެ މުއައްސަސާގެ ދަށުން ޖަލު ތަކުގައި ތިބީ ގައިދީންނަށް ތަފާތު އެކި ރޮނގުރޮނގުން ތަމްރީން ޕްރޮގުރާމްތައް ހިންގަން ޖެހޭނެ އެވެ. އަދި ޖަލުގެ މާހައުލަކީ ގައިދީންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ވެސް އެ މުއްސަސާގެ މަސްއޫލީއްޔަތެކެވެ.