03 Oct 2013, 15:04
ހދ. ކުޅުދުއްފުށީގައި ވޯޓް "ފޭކް" ކަރުދާސްތަކެއް ޕްރިންޓް ކުރި މައްސަލައިގެ ޝާރީއަތަށް ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް އާއި ހައިކޯޓަށަށް މިއަދު ވޯޓް ކަރުދާހެއް ހަވާލުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން އެހެން ބުނެފައި ވަނީ އިންތިހާބްގައި ބޭނުން ކުރި ވޯޓު ކަރުދާހާ ދާދި އެއްގޮތަކަށް ކުޅުދުއްފުށީގައި ދެ މީހަކު ވޯޓު ކަރުދާސް ޕްރިންޓުކުރި މައްސަލަ ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް، އަސްލު ވޯޓު ކަރުދާހެއް ހޯދަން އެދުމުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް އިޖާބަދީފައިނުވާ ކަމަށް އެ މައްސަލައިގައި އިއްޔެ ބޭއްވި ޝަރީއަތުގައި ދައުލަތުން ބުނެފައިވަނިކޮށެވެ.
އިލެކްޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދައުލަތުގެ އެދިގެން އިލެކްޝަނުން ވޯޓް ކަރުދާސްކޮޅެއް ނުދިން ކަމަށް ބުނެ މީޑިއާތަކުގައި ހަބަރު ފެތުރުމުގެ ކުރިން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ވޯޓް ކަރުދާހެއް ހޯދަން އެދިފައިނުވާ ކަމަށެވެ.
ނަމަވެސް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނާއި ހައި ކޯޓުން ވޯޓް ކަރުދާސްކޮޅެއް ހޯދަން އެދިފައިވާތީ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.
މިމައްސަލައިގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޕްރިންޓްކުރި ކަރުދާހާއި އަސްލު ކަރުދާހާ ތަފާތު ކަމަށް ދައުވާ ލިބޭ ފަރާތުން ވަނީ ބުނެފަ އެވެ. އަދި ދައުލަތުގެ ކިބައިން އަސްލު ވޯޓް ކަރުދާހެއް އޮތްތޯ ފަނޑިޔާރު ސުވާލުކުރެއްވުމުން އަސްލު ކަރުދާހެއް ބޭނުންވެގެން އިލެކްޝަންސް ކޮމިޝަންގައި ފުލުހުން އެދުމުން އެކަމަށް އެ ކޮމިޝަނުން އިޖާބަދީފައިނުވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ދައުލަތުގެ ފަރާތުން ދައުވާކޮށްފައި ވަނީ ހދ. ކުޅުދުއްފުށީ މާވިނަ، އަހްމަދު އާތިފް އާއި އެރަށު، ބެނިސަން، އަހުމަދު އަބުދުއްރަހްމާންގެ މައްޗަށެވެ.