ރިޝްވަތުގެ ގޮތުގައި 250،000 ޑޮލަރު ހިއްޕެވިކަމުގެ ތުހުމަތުގައި އިންޑޮނޭޝިއާގެ އުއްތަމަ ފަނޑިޔާރު އަގީލް މުޚުތާރް ހައްޔަރުކޮށްފި އެވެ.

ބީބީސީ ބުނީ އިންޑޮނޭޝިއާގެ ކޮރަޕްޝަން އިރޭޑިކޭޝަން ކޮމިޝަނުގެ އޮފިޝަލުން މުޚުތާރުގެ ގެކޮޅަށް ވަދެ އޭނާ ހައްޔަރު ކުރީ އިއްޔެ ކަމަށެވެ. އެއީ ވެރިރަށް ޖަކާޓާގެ ވިޔަފާރިވެރިއަކު އޭނާއަށް ރިޝްވަތުގެ ގޮތުފައި ފައިސާ ދިނުމުން ކަމަށް ކޮމިޝަނުގެ އޮފިޝަލުން ބީބީސީއަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

އިންޑޮނޭޝިއާގެ ކޮންސްޓިޓިއުޝަނަލް ކޯޓްގެ ބެންޗަށް ފަސް އަހަރުގެ މުއްދަތަކަށް އޭނާ އިންތިހާބު ކޮށްފައި ވަނީ މިއަހަރު އެވެ.

މުޚުތާތު ރިޝްވަތު ހިއްޕަވާފައިވާކަން ފަޅާ އެރީ އިންޑޮނޭޝިއާގެ ބޯނިއޯ ޖަޒީރާގައި ބޭއްވި އިންތިހާބެއް އޮޅުވާލި ކަމަށް ބުނެ އެ ކޯޓަށް މައްސަލައެއް ހުށައަޅާފައި ވަނިކޮށެވެ. އެ މައްސަލައިގައި އިންޑޮނޭޝިއާ ފުލުހުންގެ ޖެނެރަލެއް ވެސް ވަނީ މިދިޔަ މަހު ހައްޔަރުކޮށްފަ އެވެ.

އިންޑޮނޭޝިއާގެ އުއްތަމަ ފަނޑިޔާރަށް ރިޝްވަތު ދިން ކަމަށް ތުމަތު ކުރެވިފައި ވަނީ އެ ގައުމުގެ ކުރީގެ ޚުދުމުޚުތާރު ވެރިޔާ ސުހާޓޯގެ ގޮލްކާރް ޕާޓީއަށް ނިސްބަތްވާ ވިޔަފާރިވެރިއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ބަލައި، އިސް މަގާމުތަކެއްގައި ތިއްބެވި އެތައް ބޭފުޅުންނެއް އިންޑޮނޭޝިއާގައި ދާދިފަހުން ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން ތެޔޮ ކުންފުންޏަކުން ރިޝްވަތު ނެގި ކަމުގެ ކުށުގައި އެގައުމުގެ އެނަޖީ ރެގިއުލޭޓް ކުރާ ދިރާގެ ވެރިޔާ މީގެ ދެމަހެއްހާ ދުވަސް ކުރިން ވަނީ ހައްޔަރުކޮށްފައެވެ.