ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު އެކުލަވާލެވިފައިވާ ގޮތުން މަޖިލީހުގެ މެންބަރުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ޝަރީއަތް ހިންގުމަށް ދަތިތަކަކާ ކުރިމަތިވެފައި ވާތީ މަތީ ކޯޓަކަށް ހުށަހަޅައިގެން އެކަން ހައްލު ކުރުމަށް ކްރިމިނަލް ކޯޓުން ދައުލަތަށް އަންގައިފި އެވެ.

ކްރިމިނަލް ކޯޓުން އެގޮތަށް އަންގާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރުމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ މުހުތާޒު މުހުސިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާ ބާރުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގައި ބުނާ ގޮތުން މަޖިލީހުގެ ޖަލްސާއަކަށް ނުދެވޭ ފަދަ ގޮތަކަށް އެއްވެސް މެމްބަރަކު ޝަރުއީ ކޯޓަކަށް ހާޒިރުކޮށްގެން ނުވާނެ ކަމަށެވެ.

ގާޒީ ވިދާޅުވީ އޭނާ އަމަލުކުރާނީ އެ ގާނޫނުގައި ބުނެފައިވާ ގޮތުގެމަތިން ކަމަށާއި މަޖިލީހުގެ މެންބަރަކަށްވީތީ ޝަރީއަތް އަވަސްކުރުމުގެ ގޮތުން ބަންދު ދުވަހު އެމީހުންގެ ޝަރީއަތް ހިންގުމަކީ އޭނާ ގެންގުޅޭނެ އުސޫލެއް ނޫންކަމަށެވެ.

މިހާރު ގާނޫނު އެކުލަވާލެވިފައި އޮތް ގޮތުން މެމްބަރުންގެ ޝަރީއަތް ހިންގުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ މަތީ ކޯޓަކަށް ހުށަހަޅައިގެން އިމްތިޔާޒުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނާ ކަންތައްތަކަށް ހައްލެއް ހޯދުމަށް ގާޒީ ވަނީ ދައުލަތަށް އަންގާފަ އެވެ.

ގާޒީ ވިދާޅުވީ އެކަމަށް ހައްލެއް ލިބެންދެން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޝަރީއަތް ބާއްވާނީ މަޖިލީހުގެ ޖަލްސާތައް ނޯންނަ ދުވަސްތަކުގައި ކަމަށެވެ.

އިމްތިޔާޒު ގާނޫނުގެ 11 ވަނަ މާއްދާ ބާތިލު ކުރުމަށް ދައުލަތުގެ ބަންޑާރަ ނާއިބްގެ ފާރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފަ އެވެ. އެ މައްސަލައިގެ ޝަރުއީ ހުރިހާ އަޑުއެހުންތަކެއް ނިންމާލިތާ އެތަކެއް ދުވަސް ފާއިތުވެފައިވާއިރު މިހާތަނަށް ސުޕްރީމް ކޯޓުން އެ މައްސަލައިގެ ހުކުމް ކޮށްފައިނުވެ އެވެ.