ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންނުން ބާއްވަމުން އަންނަ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ދޭން ގެންގުޅޭ "ޓްރޮފީ" ވީނުވީއެއް ނޭނގި ގެއްލިއްޖެ ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.

އެފްއޭ ކަޕް ތަށި ގެއްލިފައިވާ ކަން "ސަން" އަށް ކަށަވަރު ކޮށްދެއްވަމުން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ޑައިރެކްޓާ އޮފް ނޭޝަނަލް ޓީމް އަލީ ސުޒޭން ވިދާޅުވީ، އެންމެ ފަހުން އެ ތަށި ކާމިޔާބު ކުރި މާޒިޔާއިން ބުނަނީ ތަށި އަނބުރައި އެފްއޭއެމްއާ ހަވާލުކުރި ކަމަށާއި އެހެން ނަމަވެސް އެއަށް ވީގޮތެއް ނޭނގޭ ކަމަށެވެ.

"އެފްއޭކަޕް މިދިޔަ އަހަރު ކާމިޔާބު ކުރި މާޒިޔާއާ އެ ތަށި އެންމެ ފަހުން ހަވާލު ކުރެވިފައި ވަނީ. އެކަމަކު އެޓީމުން ބުނަނީ އެ މީހުން ވާނީ އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލްއާ ތަށި ހަވާލުކޮށްފައި ކަމަށް،" ސުޒޭން ވިދާޅުވި އެވެ. "ދެން އަޅުގަނޑު ގަބޫލެއް ނުކުރަން ޝާހު ތަށި ފޮރުވަފާނެ ކަމަކަށް، ނުވަތަ އެ ގެންގޮސްފާނޭ ކަމަކަށް،"

އެފްއޭކަޕްގެ ފައިނަލްގައި މާދަމާ ރޭ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ކުޅެން ނުކުންނަ އިރު އެފްއޭއެމް އިން ބުނީ، މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ދޭނޭ ތައްޓެއް އަލުން މިވަނީ ހޯދަން ޖެހިފައި ކަމަށެވެ.

މީގެ ކުރިން ދުނިޔޭގެ ބޮޑެތި މުބާރާތްތަކުގެ "ތަށި" ބައެއް ފަހަރު ވަގަށް ނަގާފައި ނުވަތަ ގެއްލިފައި ވީ ނަމަވެސް ރާއްޖޭގައި މިފަދަ ބޮޑު ފުޓްބޯޅަ މުބާރާތެއްގައި ދެވޭ ތައްޓެއް ގެއްލުނު މިއީ ފުރަތަމަ ފަހަރެވެ.