03 Oct 2013, 13:38
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރާއްޖެއިން ބޭރުގައި ހުންނެވުމުން އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.
ޖާބިރުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ކެނަބިހުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުޑަކަމުދާއެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ އެވެ.
ޖާބިރުގެ މައްޗަށް ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ކެނަބިހުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހދ. ހޮނޑައިދޫގައި ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގަ އެވެ.
ޖާބިރުގެ މައްޗަށް އުފުލާފައިވާ ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ކުޑަކަމުދާއެއްޗިހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދައުވާގެ ފުރަތަމަ ޝަރީއަތުގެ މަޖިލީސް ބާއްވާފައި ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.
ޖާބިރު ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ކުރި މަސައްކަތް ނާކާމިޔާބުވުމުން އެދުވަހު އޭނާ ކޯޓަށް ހާޒިރުކޮށްފައި ވަނީ ހައްޔަރުކޮށްގެނެވެ.
އެދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދެ ދައުވާ އަށް ވެސް ޖަވާބުދާރީވުމުގެ ފުރުސަތު އޭނާ އަށް ވަނީ ދެއްވާފަ އެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ކެނަބިހުން މުއާމަލާތްކުރުމުގެ ކުށުގެ ދައުވާގެ ފުރަތަމަ ޝަރީއަތުގެ މަޖިލީސް ޝެޑިއުލް ކުރީ މިއަދު ހެނދުނު 9:00 އަށެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ޖާބިރު ހުންނެވުމުން ޗިޓް ހަވާލު ނުކުރެވޭތީ ޝަރީއަތް ވަނީ ކެންސަލް ކޮށްފަ އެވެ.