ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ އޯގަނައިޒިން ކޮމެޓީގެ މެންބަރަކަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް)ގެ ރައީސް އިލްހާމް އަހްމަދު ހަމަޖައްސައިފި އެވެ.

ޗިލީގައި 2015 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ތައްޓައްކުޅޭ 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ އިންތިޒާމް ކޮމެޓީގެ މެންބަރަކަށް ވުމަށް ދައުވަތު ދެއްވާފައިވާކަން "ސަން"އަށް ކަށަވަރު ކޮށްދެއްވީ އެފްއޭއެމްގެ ޑައިރެކްޓާ އިންޓަނޭޝަނަލް އެފެއާޒް މުހައްމަދު ލަތީފު އެވެ.

"މިއަދު ފީފާގެ ޖެނެރަލް ސެކްރެޓަރީ އެފްއޭއެމްއަށް ފޮނުއްވި ސިޓީއެއްގައި ވަނީ، 2015 ވަނަ އަހަރުގެ 17 އަހަރުން ދަށުގެ ވޯލްޑްކަޕްގެ އޯގަނައިޒިން ކޮމެޓީގެ މެންބަރަކަށް އަޅުގަނޑުމެންގެ ރައީސް އިލްހާމް އަހްމަދު ހަމަޖައްސާފައިވާ ކަމަށް،" ލަތީފް ވިދާޅުވި އެވެ.

ލަތީފު އިތުރަށް ވިދާޅުވީ މިކަމާ ގުޅޭ ބައްދަލުވުމަކަށް ވަރަށް އަވަހަށް ޒިއުރިކްގައި ހުންނަ ފީފާގެ މައި އިދާރާއަށް އިލްހާމް ވަޑައިގަތުމަށް ދައުވަތު އަރުވާނޭ ކަމަށް ވެސް އެ ސިޓީގައިވާ ކަމަށެވެ.