އަންހެނުންނަށް ކުރާ އަނިޔާތަކުގެ އަސްލަކީ ޒަމާނުއްސުރެ އަންހެނުންނަށް ލިބިފައިވާ ހައްގުތައް ނިގުޅައިގަތުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބުނެފި އެވެ.


އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކޭ އެއްފަދައިން ރާއްޖޭގައި ވެސް އަންހެނުންނަށް ކުރާ އަނިޔާ އިތުރުވަމުންދަނީ ގޭ ތެރޭގަ އާއި ވަޒީފާ އަދާކުރާ މާހައުލުގަ އާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ކަމަށެވެ. އަދި ޖުމްލަކޮށް މުޅި މުޖުތަމައުގައި ވެސް އަންހެނުންނަށް ކުރާ އަނިޔާ އިތުރުވަމުން ދަނީ އަންހެނުންނަށް ލިބިދީފައިވާ ހައްގުތައް ނިގުޅައިގަތުމުން ކަމަށް ވެސް އެ ކޮމިޝަންގެ ބަޔާނުގައިވެ އެވެ.


އަންހެނުންނަކީ އެކި ގޮތް ގޮތުން އަނިޔާއާ ކުރިމަތިލާން ޖެހިފައިވާ ބައެއް ކަމަށް ފާހަގަ ކުރަމުން އެ ނޫސްބަޔާނުގައި ބުނެފައި ވަނީ އަންހެނުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި ޖިންސީ ގޮތުން އަނިޔާތައް ލިބެމުންދާ ކަމަށެވެ. އަދި އެ އަނިޔާތަކުގެ ވޭން އަންހެނުންގެ ހަށިގަނޑުތަކުގައި މުޅި އުމުރަށް ހުރުމުގެ ސަބަބުން އާއިލާތައް ބިނާވެގެން ދާއިރު، ގައުމުގެ ކުރިމަގަށް އޭގެ ނޭދެވޭ އަސަރު ފޯރާކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އިލްތިމާސްކޮށްފައިވެ އެވެ.


 "އަނިޔާލިބިފައިވާ އަންހެނުންނަށް އެކި ބާވަތުގެ ސިއްހީ މައްސަލަތަކާ ކުރިމަތިލުމުގެ އިތުރުން މުޖުތަމައުގައި ރަނގަޅު ދައުރެއް އަދާކުރުމަށް ވެސް ހުރަސް އެޅެ އެވެ. މީގެ ސަބަބުން މުޖުތަމައުގެ ސިއްހީ ބިނާ ކަމުގައިވާ އާއިލާތަކަށް ނޭދެވޭ އަސަރުކޮށް މުޅި ގައުމުގެ ކުރިއެރުމަށް ވެސް އޭގެ ނޭދެވޭ އަސަރުކުރެ އެވެ." ހިއުމަން ރައިޓްސް ކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނުގައިވެ އެވެ.


މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމެލީން 2007 ވަނަ އަހަރު އާންމުކޮށްފައިވާ "އަންހެނުންގެ ސިއްހަތާއި ދިރިއުޅުމުގެ ތަޖުރިބާ އާ ބެހޭ ސާވޭ" އިން ދައްކާ ގޮތުގައި އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރޭގައި ކޮންމެ ފަސް އަންހެނަކުން އެއް އަންހެނަކީ ބައިވެރިޔާގެ ފަރާތުން އޭނާގެ އުމުރުން ކޮންމެވެސް ހިސާބެއްގައި ޖިސްމާނީ ގޮތުން ނުވަތަ ޖިންސީ ގޮތުން އަނިޔާ ލިބިފައިވާ އަންހެނެކެވެ. އަދި ކޮންމެ ހަތަރު އަންހެނަކުން އެއް އަންހެނަކީ ބައިވެރިޔާގެ ފަރާތުން ނަފްސާނީ ގޮތުން އަނިޔާ ލިބިފައިވާ މީހެކެވެ.


އެ ސާވޭގެ ސަބަބުން ރާއްޖޭގެ އަންހެނުންގެ ހާލަތު ވަޒަން ކުރެވިގެންދާ އިރު، ނިކަމެތި އަންހެނުންގެ ހައްގުތައް ހޯދުމުގައި ނުވަތަ އަނިޔާ ހުއްޓުވުމަށް ޓަކައި ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އެ ގޮތުން  ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ މަރުހަލާގައިވާ ގެވެށި އަނިޔާ ހުއްޓުވުމާ ބެހޭ ބިލަކީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޓަކައި މުހިއްމު ބިލެއް ކަމަށް ނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.


އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާއި މުޅި މުޖުތަމައު މަސައްކަތް ކުރުމަކީ އަންހެނުން ބާރުވެރި ކުރުވުމަށާއި އެ ބައިމީހުންގެ ކުރިއެރުވުމަށް ކޮށާލެވޭ މަގެއް ކަމަށް ފާހަގަ ކުރަމުން ނޫސްބަޔާނުގައި ބުނެފައި ވަނީ އޭގެ ސަބަބުން ކުރިއަށް އޮތް ގައުމުގެ ޖީލުތައް ރަގަނޅު ގޮތުގައި ބިނާ ކުރެވޭނެ ކަމަށެވެ.