ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު ކަމަށް ހިއްނަވަރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންތްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިޙް (އިބޫ) ހޮވައިފި އެވެ. އިބޫ އެ މަގާމަށް ހޮވުނީ 11 މެންބަރުންގެ ކޮމެޓީގެ ހަ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މިއަދު ބޭއްވި 241 ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީގެ ނައިބް މުގައްރިރަކަށް ހޮވާފައި ވަނީ ތުލުސްދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ނައިބް ލީޑަރު ރޮޒައިނާ އާދަމް އެވެ. އޭނާ ވެސް އެ މަގާމަށް ހޮވުނީ ހަ މެންބަރުންގެ ވޯޓު ދެއްވައިގެންނެވެ.

241 ކޮމެޓީގެ މުގައްރިރުކަން އެމްޑީޕީ އަށް ލިބިފައި ވަނީ ޑީއާރްޕީ ގެ ތާއިދުގެ ލިބިގެންނެވެ. އެމްޑީޕީއަށް ޑީއާރްޕީން ތާއިދުކޮށްފައި ވާތީ އެމްޑީޕީއަށް ވަނީ މަޖިލީހުގެ ހުރިހައި ކޮމެޓީއެއްގެ އަގުލަބީއްޔަތު ލިބިފަ އެވެ.

އިބޫ ގައުމީ ސަލާމަތު ކޮމެޓީގެ މުގައްރިރަކަށް ހޮވުމުގެ ކުރިން އެ ކޮމެޓީގެ މުގައްރިރަކަށް ހުންނެވީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ.

ރައްޔިތުންގެ މަޖިލީހުގައި އުފައްދާފައިވާ ކޮމެޓީގެ ތަކުގެ ތެރެއިން 241 ކޮމެޓީ އަކީ މަޖިލީހުގެ އެންމެ ބާގަދަ ކޮމެޓީ އެވެ. އެހެން ނަމަވެސް އެ ކޮމެޓީން އެއްވެސް މަސައްކަތެއް ނުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ.

ގާނޫނުއަސާސީގެ 241 ވަނަ މާއްދާގައި ބުނެފައި ވަނީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާގޮތް ބަލަމުން ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް އޮންނަންވާނެ ކަމަށެވެ. އަދި އެ ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހައި ސިޔާސީ ޕާޓީ ތަކަކުން މެންބަރުން ހިމަނަންވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވެ އެވެ.

ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީގައި ތިއްބަވަނީ އެމްޑީޕީގެ ފަސް މެންބަރުންނާއި ޕީޕީއެމްގެ ތިން މެންބަރުންނާއި ޑީއާރްޕީގެ މެންރަކާއި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި ގައުމީ ޕާޓީގެ މެންބަރަކެވެ.