ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރާއި ހއ. އަލިދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ސ. ހުޅުދޫ ރީފްސައިޑް ޖާދުﷲ ޖަމީލުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން 11 ހެކި ހުށަހަޅައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކީންގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި ވަނީ 11 ފުލުހުންނެވެ. އެ އެންމެން ވެސް ހެކީންގެ ގޮތުގައި ހުށަހަޅާފައި ވަނީ އެ ދެ ބޭފުޅުން ހޮނޑައިދޫގައި ބަނގުރާ ގެންގުޅުނުކަން ސާބިތުކޮށްދިނުމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހާމިދުގެ ފަރާތުން ވަނީ ދިފާއުގައި ހެކި ހުށަހަޅާފަ އެވެ.

އޭނާގެ ފަރާތުން ހެކި ހުށަހެޅުއްވުމުން ގާޒީ ވިދާޅުވީ ހާމިދުގެ ދިފާއުގައި ހުށަހެޅި ހެކީންގެ ތެރޭގައި ދައުލަތުން ހުށަހެޅި ބައެއް ހެކީން ވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން އެ ފުލުހުންނަކީ ހާމިދުގެ ދިފާއީ ހެކީންގެ ގޮތުގައި ޝަރީއަތަށް ބަލައި ނުގަތުމަށް ގާޒީ ވަނީ ނިންމަވާފަ އެވެ.

ގާޒީ ވިދާޅުވީ ދައުލަތުން ހުށަހަޅާ ހެކީންގެ ގޮތުގައި އެމީހުން ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގާއިރު ހާމިދަށް ވެސް އޭނާ ބޭނުން ސުވާލެއް އެމީހުންނާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ލިޔުމުން ހެކި ހުށަހެޅުމުގެ ފުރުސަތަކަށް ޖާދުﷲގެ ފާރަތުން އެދިވަޑައިގަތުމުން ގާޒީ ވަނީ އާދީއްތަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން ހެކި ހުށަހެޅުމަށް ޖާދުﷲގެ ވަކީލަށް އަންގާފަ އެވެ.