ރޭ މުލިއާގޭގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހަންމަދު ވަހީދާ އެކު ކުރީގެ ރައީސް މުހަންމަދު ނަޝީދު ބައްދަލުކުރައްވައި ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި ދެއްކެވީ ރިޔާސީ އިންތިހާބާ ބެހޭ ވާހަކަ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އަދި އެބައްދަލުވުމުގައި އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑަނޭޅި ލަސްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން، ރައީސް ނަޝީދު ފާޅުކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

ރޭގެ ބައްދަލުވުމުގައި މާލަހެއްނުވެ، އިންތިޚާބާ ބެހޭ ނިންމެވުމެއް ސުޕްރީމް ކޯޓުން ނިންމަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ހަމައެހެން، އިންތިޚާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކާ ސަރުކާރު ހަވާލުކުރެއްވުމުގެ މަސައްކަތް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ރައީސް ނަޝީދަށް ދެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ވަހީދުގެ އުންމީދަކީ އަވަސް ސުލްޙަވެރި ޑިމޮކްރެޓިކް އިންތިޚާބެއް ބޭއްވި ގައުމަށް ހަމަޖެހުން އައިސް ސުލްޙަ މަސަލަސްކަން ގާއިމުވެގެންދިޔުން ކަމަށެވެ.

ގާތްގަނޑަކަށް 20 މިނެޓަށް ދެމިގެން ދިޔަ އެ ބައްލުކުރެއްވުމަށް ފަހު މުލީއާގެ އިން ދެ ބޭފުޅުން ނުކުމެވަޑައިގަތް އިރު ގިނަ އަދަދެއްގެ މީޑިއާ މީހުން އެ ސަރަހައްދުގައި ތިއްބެވެ. ނަމަވެސް ތާރީހީ ރިޔާސީ ގަނޑުވަރު، މުލީއާގޭގެ ވަލު ދޮރޯށީން ދެ ބޭފުޅުން ވެސް ނުކުމެވަޑައިގެން ބެއްލެވީ ކެމެރާތަކަކުގެ ކުރިމަތީން އަވަހަށް ވަޑައިގެންނެވޭތޯ އެވެ.

މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 7 ފެބްރުއަރީ 2012ގައި އިސްތިއުފާ ދެއްވުމަށް ފަހު، އަދި ރައީސް ނަޝީދުގެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސް ކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމަށް ފަހު ދެ ބޭފުޅުން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

ކުރީގެ ރައީސް ނަޝީދުގެ ދައުވަތަކަށް ދެ ބޭފުޅުން ރޭ ބައްދަލު ކުރެއްވި އިރު މިދިޔަ މަހު 1 ވަނަ ދުވަހުގެ ރޭ އޮތް ރިޔާސީ ބަހުސުގައި ނަޝީދު މަސައްކަތް ކުރެއްވީ ވަހީދާ ސަލާމް ނުކުރައްވައި ހޯލުން ނުކުންނެވޭތޯ އެވެ.