ފުޓްބޯޅަ ކުޅުން ނިންމާލަން އަދި އެއްގޮތަކަށް ވެސް ނުވިސްނާ ކަމަށް ޗެލްސީގެ ކުރީގެ ފޯވަޑް ޑިޑީއާ ޑްރޮގްބާ ބުނެފި އެވެ.

ޑްރޮގްބާ ބުނީ، މިއަހަރުގެ ޖެނުއަރީ ޓްރާންސްފާގައި ތުރުކީގެ ގަލަތަސަރާއީ އަށް ބަދަލުވީ އޭނާ އަދި އެއްފަހަރު ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާތީ ކަމަށެވެ.

އައިވަރީ ކޯސްޓްގެ ލެޖެންޑް ޗެލްސީއިން 2012 ވަނަ އަހަރު ޗައިނާގެ ޝަންހާއީ ޝެންހުއާއަށް ބަދަލުވީ، އޭގެ ކުރީ އަހަރު ޗެލްސީއަށް ޔޫރަޕްގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގެ ތަށި ހޯދައިދީފަ އެވެ.

ޑްރޮގްބާ ބުނީ އޭނާ ގަލަތަސަރާއީއާ ގުޅެން ނިންމީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ހަމައަށް އެޓީމު ދަތުރު ކޮށްފައިވާތީ އެޓީމާއެކު ވެސް ޗެމްޕިއަންސް ލީގުގައި ކާމިޔާބެއް ހޯދިދާނޭ ކަމަށް އުންމީދު ކުރާތީ ކަމަށެވެ.

"އަހަރެން ޗައިނާގަ ހުރި ދުވަސްވަރު ހިތަށް އެރީ އަދިވެސް ޔޫރަޕްގެ ފުޓްބޯޅައިގައި އަހަންނަށް ކުޅެވިދާނޭ،" 35 އަހަރުގެ ފޯވާޑް އިޓަލީގެ ނޫހަކަށް ކިޔައިދިނެވެ. "މިއީކީ އަދި އަހަރެންގެ ނިމުމެއް ނޫން. ޗެލްސީގައި އަހަރެން ކާމިޔާބު ކުރި ތަށި އަދި ވެސް ހޯދުމުގެ ހިތްވަރާއި ޖޯޝު އަރެންގެ އެބަހުރި. އެހެން ކަމުން ނިންމީ އަދިވެސް އެއްފަހަރު ޗެމްޕިއަންސް ލީގުގައި އެކަން ސާބިތު ކޮށްދެވޭތޯ މަސައްކަތް ކުރަން."

ޔޫރަޕްގެ ގިނަ ކޯޗުންނާއި އަދި ކުޅުންތެރިންވެސް އަދިވެސް ނުރައްކާތެރި ފޯވާޑެއްގެ ގޮތުގައި ދެކޭ، ޑްރޮގްބާ ބުނީ އުމުރަކީ މައްސަލައެއް ނޫން ކަމަށާއި އެއީ އަދަދު ތަކެއް ކަމަށެވެ.

"އުމުރަކީ މައްސަލައެއް ނޫން. އެއީ ހަމަ ނަންބަރު ތަކެއް. ހުރިހާ ކަމެއް ބަރޯސާ ވަނީ، އެ މީހެއްގެ ފެންވަރާއި ހުނަރާއި ތަޖްރިބާއާއި އަދި ޖިސްފާނީ ދުޅަހެޔޮ ކަމުގެ މައްޗަށް. އަހަރެން ދެކޭ ގޮތުގައި އަހަރެން މިހުރިހާ ދުވަހެއްގައިވެސް ހޭދަކުރަމުން މިދިޔައީ ވަރަށް ރަނގަޅު ދުވަސްތަކެއް. އަދި މިހާރުވެސް ޓެކްނިކަލީ އަދި މެންޓަލީ ގޮތުންވެސް އަހަރެން ވަރަށް ބޮޑަށް ރަނގަޅުވެއްޖެ،" ޑްރޮގްބާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ޔުވެންޓާސްއާ ދެކޮޅަށް ކުޅެ ގަލަތަސަރާއީ އެއްވަރުވި މެޗުގައި އެޓީމަށް ފުރަތަމަ ފަހަރަށް ލަނޑު ޖަހައި ކުރިހޯދައި ދިނީވެސް ޑްރޮގްބާ އެވެ.