03 Oct 2013, 12:16
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ނިޔަލަށް ރެކޯޑް މިންވަރަކަށް ބޭންކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
މަރުކަޒީ ބޭންކުން ކޮންމެ ތިން މަހުން އެއްމަހު ނެރޭ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ބުނެފައި ވަނީ މިދިޔަ ޖޫން މަހުގެ ނިޔަލަށް ޖަމާކުރި ފައިސާގެ އަދަދު އިތުރުވުމުން ބޭންކުގެ އާމްދަނީ އިތުރުވެ ކެޕިޓަލް ސްޓްރެންތު ވަރުގަދަވެފައިވާ ކަމަށެވެ. އަދި ނުދައްކާ ހުރި ލޯނުގެ އަދަދު މަދުވެ، ބޭންކުތަކުން ލޯނު ދޫކުރި މިންވަރު މަޑުމަޑުން އިތުރުވަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
އެމްއެމްއޭ އިން ހާމަކުރި ތަފާސްހިސާބުގައިވާ ގޮތުން ބޭންކުތަކަށް ދިމާވެދާނެ ގެއްލުންތައް ކުޑަކުރުމަށް ލިކުއިޑިޓީ ލެވެލް މަތިކޮށްފައިވާ ކަމަށެވެ. އަދި 2008 އަދި 2009 ވަނަ އަހަރު ދިމާވި މާލީ މައްސަލަ އަށް ފަހު ބޭންކުތަކުން ލޯނު ދޫކުރުމުގައި އަމަލުކުރަމުން ގެންދިޔަ އުސޫލްތައް ވަރަށް ބޮޑަށް ހަރުދަނާކޮށްފައިވާ ކަމަށް އެ އިކޮނޮމިކް ބުލެޓިންގައި ބުނެފައިވެ އެވެ.
އެ އޮތޯރިޓީން ނެރުނު ބުލެޓިންގައި ވަނީ ބޭންކު ލޯނު ދޫކުރުމުގައި އެޅި ހަރުދަނާ ފިޔަވަޅުތަކަށް ފަހު ލޯނު ދައްކާ މިންވަރު އިތުރުވެފައިވާކަން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި ލޯނުތަކުގެ ފައިސާ އަނބުރާ ހޯދި މިންވަރު ވެސް އިތުރުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.
އެމްއެމްއޭ އިން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ބޭންކަށް ޖަމާކުރި ފައިސާގެ އަދަދު ވަނީ 13 ޕަސެންޓް އިތުރުވެފަ އެވެ. އެއީ ގާތްގަނޑަކަށް 2.4 ބިލިއަން ރުފިޔާ ކަމަށް ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ބުނެފައިވެ އެވެ.