ޓޮޓެންހަމް ހޮޓްސްޕާގެ ޑިފެންޑަރު ޖޭން ވާޓޮންގެންގެ މޫނުގައި ޗެލްސީގެ ފޯވާޑް ފެނާންޑޯ ޓޮރޭސް ވަކިއެޅި މައްސައިގައި އޭނާ ސަސްޕެންޑު ނުކުރަން އިނގިރޭސި އެފްއޭއިން ނިންމުމުން އެއީ ޖޯކެއް ކަމަށް ބުނެ، ޓޮޓެންހަމްގެ ކޯޗު އަންދްރޭ ވިއަސް ބޮއަސް އިނގިރޭސި ފުޓްބޯލް އެސޯސިއޭޝަނަށް ފާޑު ކިޔައިފި އެވެ.

ޗެލްސީއާއި ޓޮޓެންހަމް އެންމެ ފަހުން ޕްރިމިއާ ލީގުގައި 1-1 އިން އެއްވަރު މެޗުގައި ކުޅުމުން ބޭރުގައި ޓޮޓެންހަމްގެ ބެލްޖިއަމް ޑިފެންޑަރުގެ މޫނުގައި ޓޮރޭސްގެ އިނގިލިތަކުން ވަކިއެޅިފައި ވީނަމަވެސް އެފްއޭއިން ނިންމާފައިވަނީ، އެ މެޗުގައި ދެ ކާޑު ހަމަވެގެން ޓޮރޭޒްއަށް ދެއްކި ރަތްކާޑުގެ ބަދަލުގައި އެއްމެޗަށް ސަސްޕެންޑު ކުރުމަށެވެ.

"ބުނާނެ އެއްޗެއްވެސް ނޭނގެ. އެފްއޭގެ އެ ނިންމުމަކީ ގަބޫލުކުރަން ދަތި ނިންމުމެއް. އަހަންނަށް މައްސަލައެއް ނެތް ކޮންމެ ޓީމެއްގެ ކޮންމެ ކުޅުންތެރިއަކަށް ވީނަމަވެސް،" ވިއަސް ބޮއަސް ބުންޏެވެ. "އަހަރެން ބޭނުމެއް ނުވޭ ޓޮރޭޒްގެ އެއަމަލާއި އަދި އެޓީމުގެ ކޯޗު އޭނާ ދިފާކުރަން ކުރި ކަންތަކާ ބެހޭގޮތުން ސުވާލު އުފައްދާކަށް. އެކަމަކު އެފްއޭގެ އެ ނިންމުމަކީ ބޮޑު ޖޯކެއް."

"ފޮޓޯތަކުން ފެންނަން އެހެރީ ޓޮރޭޒް ވާޓޮންގެން މޫނުގައި ވަކިއަޅާ މަންޒަރު. ޕްރޮފެޝަނަލް ކުޅުންތެރިއަކު ކޮށްގެން ނުވާނެ ހުރިހާ ކަމެއް ފެންނަން އޮތްއިރު އެފްއޭއިން އެގޮތަށް ނިންމުމަކީ ގަބޫލު ކުރަން ދަތިކަމެއް،" ޗެލްސީގެ ކުރީގެ ކޯޗު ބުންޏެވެ.

ވިއަސް ބޮއަސް ބުނީ ޓޮރޭޒް ސަސްޕެންޑު ނުކުރުމުން މައްސަލަ ޖައްސަނީ، އޭނާ ނެތުމުން ޗެލްސީ ބަލިކަށިވާނެކަމަށް ދެކިގެން ނޫންކަމަށާއި އެހެން ނަމަވެސް އޭގެ ސަބަބުން ބައެއްގެ ހައްގުތަށް ގެއްލިގެންދާތީ ކަމަށެވެ.

"ފެނާންޑޯ ސަސްޕެންޑުކުރަން އަހަރެމެން ބާރުއަޅަނީކީ އޭނާ ނެތުމުން ޗެލްސީ ބަލިކަށީވާނެ ކަމަކަށް ނޫން. އެމީހުންގެ ބެންޗުވެސް އެއަށްވުރެ ވަރުގަދަ. އެކަމަކު އެ ހުރިހާ ފޮޓޯތަކެއް ފެންނަން ހުއްޓައި އެފްއޭއިން ފިޔަވަޅު ނޭޅުމަކީ ވަރަށް ދެރަކޮށް ނިންމި ނިންމުމެއް،" އިނގިރޭސި އެފްއޭގެ ނިންމުމަށް ފާޑު ކިޔަމުން ޓޮޓެންހަމްގެ ޕޯޗުގީޒް ކޯޗު ބުންޏެވެ.