ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދިޔަ ކަމުގެ ތުހުމަތުގައި ސިފައިންގެ އޮފިސަރެއް ސަސްޕެންޑްކޮށްފި އެވެ.

އެމްއެންޑީއެފްގެ ވަޒީފާ އިން މިއަދު ސަސްޕެންޑްކޮށްފައިވާ އޮފިސަރަކީ ފަސްޓް ލެފްޓިނެންޓް ކަމުގެ މަގާމުގައި ހުރި އަބްދުﷲ ޝަރީފެވެ.

އެމްއެންޑީއެފުގެ އިއުލާނެއްގައި ބުނެފައި ވަނީ އަބްދުﷲ ޝަރީފް ސިފައިންގެ ތެރޭގައި ފިނުތަ އުފައްދަން މަސައްކަތް ކުރަމުން ގެންދާ ކަމަށް، އެ މައްސަލައާ ގުޅިގެން ސިފައިންގެ އެކި ރޭންކުތަކުގެ މީހުންގެ ފަރާތުން ނެގި ބަޔާންތަކުން ސާބިތުވެފައި ވާތީ ސިފައިންގެ ވަޒީފާއާ ބެހޭ ގަވާއިދުގެ ދަށުން މިއަދުން ފެށިގެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

ސިފައިންގެ ތެރޭގައި ފިތުނަ އުފައްދަން މަސައްކަތް ކުރަމުން ގެންދާ ކަމުގެ ތުހުމަތުގައި ސިފައިންގެ އިސް އޮފިސަރަކު މިއަދު ސަސްޕެންޑްކޮށްފައިވާ އިރު ރާއްޖޭގެ މަސްރަހު މިހާރު އޮތް ގޮތާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް ބަޔާންކޮށް، ސިފައިންގެ ހަތަރު އޮފިސަރަކު ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމަށް ވަނީ މީގެ ކުރިން ލިޔުމެއް ވެސް ފޮނުއްވައިފަ އެވެ.

އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން މޭޖާ އަބްދުއްރަހީމް މިއަދު ސަން އަށް ވިދާޅުވީ އަބްދުﷲ ޝަރީފް ވަޒީފާ އިން ސަސްޕެންޑްކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ބަލަމުން ގެންދާތީ ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އޭނާ އަށް ސިފައިން ގެއަށް ނުނިކުމެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
'
"އެއީ މިމައްސަލާގައި މިހާތަނަށް ސަސްބެންޑްކުރި އެންމެ ފުރަތަމަ މީހާ، ސަސްޕެންޝަންގައި ހުންނަ އިރު އޭނާ އަށް ސިފައިންގެ އަށް ނާދެވޭނެ،" ޗީފް އޮފް ޑިފެންސް އަށް ސިފައިންގެ ހަތަރު އޮފިސަރު ފޮނުއްވި ސިޓީގައި ސޮއިކުރައްވާފައިވާ އަބްދުއް ރަހީމް ވިދާޅުވި އެވެ.

ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމުގެ މައްސަލަތަކެއް ފެންމަތިވެފައި މިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރީމް ކޯޓުގެ ނިންމުމަށް ނުބަލައި ވެރިކަން ބަދަލު ކުރުމަށް ގޮވާލައްވާފައި ވަނިކޮށެވެ. އަދި އެމްޑީޕީން ކުރާ އެ މަސައްކަތުގައި ނަޝީދަށް ތާއީދު ކުރައްވާ ސިފައިންނާއި ފުލުހުން އެމްޑީޕީއާ ގުޅުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ.

ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްފައި އެއްބައިވަންތަކަން ނަގާލައި ސިފައިންގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް ހިތްވަރު ލިބޭ ފަދަ ގޮތަށް ބައެއް ޓީވީ ޗެނަލްތަކުންނާއި ބައެއް މީޑިއާތަކުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ވެސް ވަނީ އެފަދަ ކަންތައްތައް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ވެސް ގޮވައިލަފަ އެވެ.