ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި ރޭ ކޯޕަންހޭގަން އަތުން 4-0 ލަނޑުން ފަސޭހަ ކަމާއެކު ރެއާލް މެޑްރިޑް މޮޅުވިއިރު ޔުވެންޓަސްއާ އާއި ގަލަޓަސަރާއީ ބާއްދަލުކުރި މެޗް 2-2 ލަނޑުން އެއް ވަރު ވެއްޖެއެވެ.

ކޯޕަންހޭގަން އާއި ރެއާލް ބައްދަލުކުރި މެޗުގެ ލަނޑުތައް ރެއާލްއަށް ކާމިޔާބު ކޮށްދިނީ ރޮނާލްޑޯ އާއި ޑިމާރި އާއެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވެސް ރޭގެ މެޗުގައި ދެ ލަނޑު ޖެހިއެވެ.

ގަލަޓަސަރާއީ އާއި ޔުވެންޓާސް ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ގަލަޓަސަރާއީ އަށް ކާމިޔާބު ކޮށްދިނީ ޑްރޮގްބާ އެވެ.

ރޭގެ މެޗުގެ ދެ ވަނަ ހާފުގައި ޔުވެންޓާސްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 1-1 ލަނޑަށް ހަމަހަމަ ކޮށްފަ އެވެ. އެލަނޑު ޔުވެންޓަސްއަށް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން މާކޯ ވިޑާލް އެވެ. އެހެން ނަމަވެސް ޔުވެންޓާސްއިން ވަނީ މެޗުގެ 87 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 ލަނޑަށް ބަދަލުކޮށްލާފަ އެވެ. ޔުވެންޓަސްއަށް އެލަނޑު ކާމިޔާބު ކޮށްދިނީ ފަބިއޯ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެމެޗުގައި ގަލަޓަސަރާއީ އިން ޔުވެންޓަސްއާ އަރާ ހަމަހަމަ ކުރި ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ގަލަޓަސަރާއީއަށް ކާމިޔާބު ކޮށްދިނީ އުމިޓް ބުލުޓް އެވެ.

ރޭގެ މެޗުން ރެއާލް މޮޅުވުމުން ގްރޫޕްގައި އެޓީމް އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެއް ވަނަ މަގާމްގަ އެވެ. ދެ ވަނަ މަގާމް ގައި އޮތީ ދެ މެޗުން ލިބުނު ދެ ޕޮއިންޓާއެކު ޔުވެންޓަސް އެވެ. އަދި ތިން ވަނަ މަގާމްގައި ދެ މެޗު ކުޅެގެން ލިބުނު އެއް ޕޮއިންޓާއެކު ކޯޕަންހޭގަން އޮތްއިރު ގްރޫޕްގެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ގަލަޓަސަރާއީ އެވެ.