03 Oct 2013, 11:21
ގދ. ރަތަފަންދޫގައި އެކްސިޑެންޓެއް ހިނގައި ކުޑަ ކުއްޖަކަށާއި ދެ މީހަކަށް އަނިޔާތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ އިއްޔެ ހަވީރު 3:00 ހާއިރު ހިނގި އެކްސިޑެންޓްގައި 14 އަހަރުގެ ކުއްޖާގެ ނިތްކުރި ފަޅައިގެން ގޮސް އެކި ވަރުގެ ކާނިކަވެފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްގައި ދެން އަނިޔާވެފައި ވަނީ އުމުރުން 18 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކަށެވެ. އެ ދެމީހުންނަށް ވެސް ވަނީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދީފަ އެވެ.
ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެއްވެސް މީހެއްގެ ބޭރު ފުށުން މާބޮޑެތި ޒަޚަމްތަކެއް ފެންނަން ނެތް ކަމަށާއި ނަމަވެސް ހަށިގަނޑުގެ އެތެރެއަށް ވެފައި ހުރި ގެއްލުން އެނގޭނީ އެކްސްރޭތައް ނަގައި ނިމުމުން ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ ރަތަފަންދޫ ބޮޑު މަގުން ބާރު ސުޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގޮސް އެ މަގުގައި ހުރި 14 އަހަރުގެ ކުއްޖާގެ ގައިގާ ޖެހިގެން ކަމަށެވެ. އަދި ސައިކަލް ކޮންޓްރޯލުން ނެއްޓިގެން ގޮސް އެ މަގުގައި ހުރި ގެއެއްގެ ފާރުގައި ޖެހި އެ ފާރުގެ ތަންގަނޑެއް ވެސް ނެއްޓިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.