މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގައި މައްސަލަތައް ހުރި ކަމަށާއި އިތުރު އެތައް ކަމެއް ގޯސްކޮށް ހިނގަމުން އަންނަ ކަމަށް ބުނެ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުން މިއަދު ހަޅުތާލު ކޮށްފި އެވެ.

ކަސްޓަމްސް ބިލްޑިންގްގައި މިއަދު ހެނދުނު ކުރި ހަޅުތާލުގައި ގާތްގަނޑަކަށް 50 މުވައްޒަފުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ކަސްޓަމްސް އޮފިސަރުންނާއި ސަޕޯޓް ސްޓާފުން ވެސް ހިމެނެ އެވެ. މަޑުމައިތިރިކަމާ އެކު ކަސްޓަމްސް ބިލްޑިންގްގެ ތެރޭގައި ކުރި މުޒާހަރާގައި މުވައްޒަފުން ގެންގުޅުނު ބައެއް ޕޯސްޓަރްތަކުގައި ލިޔެފައި ވަނީ "ކަސްޓަމްސްގެ އެޗްއާރް ބޯޑްގައި މަސްލަހަތު ފުށުއަރާ މެމްބަރުން ތިބި ކަމަށާއި އެމީހުން ބޭރުކުރަން އެދޭ" ކަމަށެވެ.

އޭގެ އިތުރުން "މިއީ ބައެއްގެ އަމިއްލަ ކުންފުންޏެއް ނޫން، މިއީ ދައުލަތުގެ މުއައްސަސާއެއް،" މިއިބާރާތް ލިޔެފައިވާ ޕޯސްޓަރަކާއި "ހާޒިރީ އެމެންޑް ކުރި މައްސަލަ ބަލާދީ" މިއިބާރާތް ލިޔެފައިވާ ބޯޑްތައް ވެސް އެމުވައްޒަފުން ގެންގުޅުނެވެ. ހަޅުތާލުގައި ބައިވެރިވި މުވައްޒަފަކު ބުނީ ޕްރޮމޯޝަން ހައްގުވާ އެތައް ބަޔަކަށް ޕްރޮމޯޝަން ނުދީވާ ކަމަށެވެ.

"މި ޕްރޮމޯޝަން ދިން އިރުގައި އެބަހުރި، އެކަމުގައި އިސްކޮށް މަސައްކަތް ކުރި މީސް މީހުންނަށް 3050 ރުފިޔާ އިން ފެށިގެން ގޮސް 8100 ރުފިޔާއާ ހަމައަށް މުސާރަ ބޮޑުކޮށްފައި، އެކަމަކު ހައްގުވާ އެތައް ބަޔަކު އެބަތިބި ނުލިބި، އެހެންވީމާ އަޅުގަނޑުމެންނަށް ގެއްލިފައިވާ ހައްގު ހޯދަން މިތިބީ ހަޅުތާލުގައި،" އޭނާ ބުންޏެވެ.

އެހެން މުވައްޒަފަކު ބުނީ އެޗްއާރް ބޯޑުން މިއަދު އެމުވައްޒަފުންނާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށާއި އެއްޗެއް ބުނެވޭނީ އޭގެ ފަހުން ކަމަށެވެ. އޭނާ ބުނީ ހިތްހަމަނުޖެހުނު ސަބަބުތައް އެހެރީ ޕޯސްޓަރުތަކުގައި ލިޔެފައި ކަމަށެވެ.