03 Oct 2013, 11:13
ވޮޝިންޓަން (އޮކްޓޯބަރ 3): އެމެރިކާގެ މާލީ އައު އަހަރު ފެށިގެން ދިޔަ އިރު ވެސް ސަރުކާރުގެ ބަޖެޓް ފާސްނުކުރެވުމުގެ ސަބަބުން އެމެރިކާ ސަރުކާރާއި ދައުލަތުގެ ގިނަ އޮފީސްތަކަކާއި މުއައްސަސާތަކެއް ބަންދުކޮށް މުވައްޒަފުން ގެއަށް ފޮނުވާލާފައި ވުމުގެ ސަބަބުން އެމެރިކާ ހިމާޔަތް ކުރުމަށް ޖާސޫސީ އިދާރާތައް ބަލިކަށިވެ، އެމެރިކާގެ ގައުމީ ސަލާމަތް ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ދާނެކަމުގެ އިންޒާރު އެމެރިކާގެ އިސް މަސްއޫލުވެރިން ދެއްވައިފި އެވެ.
މިމައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި ސެނެޓްގެ ސަބް ކޮމިޓީއެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ގައުމީ ޖާސޫސީ އިދާރާގެ ވެރިޔާ ޖޭމްސް ކްލޭބަރ ވިދާޅުވީ ބަޖެޓް ނެތުމުގެ ސަބަބުން އެމެރިކާގެ ޖާސޫސީ އިދާތަކާއި އޮފީސްތަކުގެ 70 އިންސައްތަ މުވައްޒަފުން ގެއަށް ފޮނުވާލާފައިވާ ކަމަށާ ޖާސޫސީ އިދާރާތަކުގެ މުވައްޒަފުންގެ ކިބާގައިވާ ހިއްވަރާއި މަސައްކަތްކުރުމުގެ ރޫޙާއި މަޢްނަވީ ބާރު ވަނީ ފުނޑުފުނޑުވެގެން ގޮސްފައިކަމުގަ އެވެ.
އެމެރިކާ ސަރުކާރު ހިންގުމަށް ބޭނުންވާ ބަޖެޓެއް ފާސްވެފައި ނުވަނީ އޮބާމާގެ ސަރުކާރުން ހުށަހެޅި ބަޖެޓް ހައުސް އޮފް ރެޕްރެޒެންޓެޓިވްގައި އަޣްލަބިއްޔަތު އޮންނަ އިދިކޮޅު ރިޕަބްލިކަން ޕާޓީން ފާސްކުރުމަށް ދެކޮޅު ހެދުމުންނެވެ. މިކަމަށް ދެކޮޅު ހަދާފައި ވަނީ އެމެރިކާގެ ސިއްޙީ ރިޢާޔަތާ ބެހޭ ގާނޫނަށް އޮބާމާ ހުށަހަޅުއްވާފައިވާ އިސްލާޙްތަކަށް ބޭނުންވާ ފައިސާ ފެޑްރަލް ބަޖެޓްގައި ހިމަނާފައިވުމުންނެވެ. އެ މައްސަލާގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީ އާއި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުން ވެސް އަދި ތިއްބެވީ ގޮތްދޫކުރައްވާ ގޮތަކަށް ނޫނެވެ. ނަމަވެސް އޮބާމާ ގެންދަވަނީ އެ މައްސަލަ ހައްލުކުރުމަށް ދެ ޕާޓީގެ މެންބަރުންނާ ވާހަކަ ދައްކަވަމުންނެވެ. (ރޮއިޓާސް)