ޔޫކްރޭނުގެ ޝަކްތާ ޑޮނެސްޓްކާ ދެކޮޅަށް ރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

މި ދެ ޓީމް ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭ ގެ މެޗުގައި ފުރަތަމަ ހާފުގައި ޔުނައިޓެޑުން ލަނޑެއް ކާމިޔާބުކޮށްފައި ވަނިކޮށް ޝަކްތާ އިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފަހު ހާފުގަ އެވެ.

އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ އިންގްލެންޑް ފޯވާޑް ވޭން ރޫނީއާ ނުލައި ކުޅުނު މެޗުގައި އެޓީމަށް ކުރި ހޯދައިދިނީ މެޗުގެ 18 ވަނަ މިނިޓުގައި މަރުއާނޭ ފެލައިނީ ތަނަވަސްކޮށްދިން ފުރުސަތަކުން ޑެނީ ވެލްބެކް އެވެ. ޝަކްތާގެ ޑިފެންޑަރު ޖާރޮސްލަވް ރަކިޓްސްކީ ހެދުނު ގޯހެއްގެ ސަބަބުން ވެލްބެކް ކާމިޔާބު ކުރި ލަނޑާ އެކު ފުރަތަމަ ހާފް ނިމުނީ 1-0 އިން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ޝަކްތާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 76 ވަނަ މިނިޓުގައި ރަކިޓްސްކީ ތަނަވަސް ކޮށްދިން ފުރުސަތަކުން ޝަކްތާގެ ބްރެޒިލް ފޯވާޑް ތައިސަން އެވެ.

ރޭގެ މެޗު އެއްވަރު ވުމުން ޕޮއިންޓުގެ ގޮތުންނާއި، ލަނޑުގެ ގޮތުން ހަމަހަމަވެ ޝަކްތާއާއި ޔުނައިޓެޑް އޮތީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ކުރީގަ އެވެ.

ރޭ ކުޅުނު ގްރޫޕް އޭގެ އަނެއް މެޗުގައި ޖަރުމަނުގެ ބޭޔާ ލެވަކޫޒަން އާއި ސްޕެއިންގެ ރެއާލް ސޮސިޑާޑް ވާދަކުރި މެޗު 2-1 އިން ކާމިޔާބުކުރީ ލެވަކުޒަން އެވެ. އެ މެޗުގައި ލެވަކޫޒަންގެ ލަނޑުތައް ޖަހައިދިނީ ސިމް ރޮފްލްސްއާއި ޖެންސް ހެޖެލާ އެވެ. ސޮސިޑާޑްގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކާލޯސް ވެލާ އެވެ.

ރޭގެ މޮޅާއެކު ގްރޫޕް އޭގެ ތިން ވަނައިގައި ތިން ޕޮއިންޓާއެކު ލެވަކުޒަން އޮތް އިރު ސޮސިޑާޑް އޮތީ ޕޮއިންޓެއް ނުލިބު ގްރޫޕުގެ ފުލުގަ އެވެ.