03 Oct 2013, 11:09
ސިޔާސީ ގޮތުން މާލެތެރެ ހަލަބޮލިވާ ކޮންމެ އިރަކު ވެސް "ކުދި ކުދި ހުޅުތައް" މާލެތެރެއިން އަރަ އެވެ. ސިޔާސީ ބޮޑު ހަލަބޮލި ކަމެއްގައި ރާއްޖެ ހެލިގެންފި ނަމަ މުޅި ރާއްޖޭގައި ހުޅުހިފަ އެވެ. މީގެ ދެތިން އަހަރެއް ކުރިން ގަސްތުގައި ބަޔަކު ތަނެއްގައި ހުޅުޖަހައިފި ނަމަ، އެއީ "ފަލަ ސުރުހީ" އެވެ. އެ ދުވަސްކޮޅުގެ ބޮޑު ވާހަކައަކީ އެއީ އެވެ. ހާލަތު ބަދަލުވެ، ކޮންމެ ރެއަކުހެން ކޮންމެވެސް ގޮތަކަށް ތަނެއްގައި ހުޅުޖެހުން މިއަދު އާންމުވެއްޖެ އެވެ.
ވެރިކަން ބަދަލުވުމާ އެކު އައި ރުޅީގައި ހުޅުޖެހީ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މުޒާހަރާއެއް ރޫޅާލައިފިނަމަ ސައިކަލެއްގައި ރޯކޮށްލަ އެވެ. ސިޔާސީ ހައްދުފަހަނައަޅައި ދިއުމުގައި މިއީ ބޮޑުވަރެކެވެ. ފެބްރުއަރީ އަށް ވަނަ ދުވަހަކީ ހުޅުޖެހުމުގެ ބޮޑެތި ޖަރީމާތަކެއް ހިންގި ދުވަހެކެވެ. ރާއްޖޭގެ ދެކުނުގައި ރޯކޮށްލި ހުޅު މުޅި ރާއްޖެއަށް ވެސް ފެތުރުނެވެ. އެއަށް ފަހު އިތުރުވި ހުޅުޖެހުމުގެ ހާދިސާތައް މަދެއް ނޫނެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން ބޭއްވުން ފަސް ކުރަން ހުކުމްކުރުމާ އެކު މާލޭގައި އެކަނި ވެސް ގަސްތުގައި ހުޅުޖެހުމުގެ އަށް ހާދިސާ ހިނގާފައިވެ އެވެ. ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޕާކުކޮށްފައި ހުންނަ ކާރުތަކާއި ވޭންތަކާއި ބަސްތަކުގައި ހުޅުޖެހި އެވެ. ޕާކިން ޒޯންތަކުގައި ޕާކުކޮށްފައި ހުންނަ ގިނަ ސައިކަލްތަކުގައި ރޯކޮށްލީ އެވެ. ތަނެއްގައި ޓަޔަރެއް އޮތް ނަމަ އެ އެއްޗެއްގައި ރޯކޮށްލަނީ އެވެ.
މިދިޔަ އަހަރުގެ ތަފާސް ހިސާބަށް ބަލާ އިރު ގަސްތުގައި ހުޅުޖެހުމުގެ 56 ހާދިސާއެއް ރާއްޖޭގައި ހިނގާފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް ހުޅުޖެހުމުގެ 19 ހާދިސާ ހިނގާފައިވެ އެވެ. އެ ހާދިސާތައް ހިނގާފައި ވަނީ ސިޔާސީ ގޮތުން ހަލަބޮލި ސަރަހައްދުތަކާއި އާބާދީ ބޮޑެތި ރަށްތަކާއި ސިޔާސީ ވާދަވެރިކަން ބޮޑެތި ތަންތަނުގަ އެވެ.
އެގޮތުން ހިނގައިދިޔަ ހާދިސާތަކަށް ބަލާލާނެމެވެ. މަޖިލިސް ހުޅުވި ދުވަހު މިދިޔަ އަހަރު ނީލަން ފިރާގައި ރޯކޮށްލީ އެވެ. ހޮޅުދޫގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ގާއިމް ކުރި އިމާރާތެއްގައި ހުޅުޖަހައި އަންދާލީ އެވެ. ޖެންޑާ މިނިސްޓަރީގެ ކާރެއްގައި ރޯކޮށްލީ އެވެ. ފުލުހުންގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގެ ކާރެއްގައި ވެސް ރޯކޮށްލީ އެވެ.
މިއަހަރު ހިންގި ހުޅުޖެހުމުގެ ހާދިސާތަކުގެ ތެރޭގައި ފަތާ ޓްރެކް ސަރަހައްދު ކައިރީގައި ހުންނަ ހަކަތަ ޕެޓްރޯލް ޝެޑް ތެރޭގައި އޮތް ތެޔޮ އުފުލާ ވެހިކަލެއްގައި ރޯކޮށްލީ އެވެ. ދ. ކުޑަހުވަދޫގައި ފުލުހެއްގެ ސައިކަލްގައި ހުޅުޖަހައި އަންދާލި އެވެ. އަދި ފުލުސް މީހާގެ ގެއަށް ބޮޑެތި ގެއްލުންތައް ދިނެވެ. މި މަހުގެ 15 ވަނަ ދުވަހު އައްޑޫ ސިޓީގެ ހިތަދޫ ޕީޕީއެމް ޖަގަހައެއްގައި ރޯކޮށްލާފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބޭބެ މުހައްމަދު ޝާހިދުގެ ކާރުކޮޅުގައި ވެސް ރޯކޮށްލީ އެވެ. އޭގެ ފަހުން ތިން ދުވަސް ފަހުން ލޮނުޒިޔާރަތްމަގުގައި ޕާކްކޮށްފައިވާ ހަތް ސައިކަލެއްގައި ވެސް ބަޔަކު ވަނީ ހުޅުޖަހައި އަންދާލާފަ އެވެ.
މިނޫނަސް ހުޅުޖެހުމުގެ ހާދިސާތަކެއް މިއަހަރާއި މިދިޔަ އަހަރު ރާއްޖޭގައި ވަނީ ހިނގާފަ އެވެ. ސަރުކާރާއި އާންމު ފަރުދުންގެ މުދަލުގައި ހުޅުޖެހުންފަދަ އަމަލުތައް ހިންގުމުގެ ކުރިން، އެ ކުށް ކުރާ މީހުންނަށް ވިސްނޭ ނަމަ ކިހާ ރަނގަޅު ހެއްޔެވެ. ސިޔާސީ ހަސަދާގައި ގެއްލުން މާދަމާ ގެއްލުން ލިބޭނީ އަމިއްލަ މީހާގެ މުދަލަށެވެ. ހައްލެއް ނުލިބި މިކަންތައްތައް "ކޮޅުންލައިގެން" ދަންޏާ އެއީ ބަދަލު ހިފުމުގެ ރޫހަކަށް ބަދަލުވެދާނެ އެވެ. ރުޅި އަންނަ އިރަށް ހުޅު ޖަހަންޏާ ގައުމަށް ސަލާމަތެއް ނެތެވެ.
މީގެ ކުރިން ރާއްޖޭގައި އެންމެ ގިނައިން ހިންގާފައިވާ ޖަރީމާއަކީ ހައްގަކާ ނުލައި އަނިޔާވެރިކޮށް މީހުން މެރުމެވެ. ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން މި ދުވަސްކޮޅު އެފަދަ އަމަލުތައް ހިންގާތަނެއް އަޅުގަނޑުމެންނަށް ނުފެނުނު ނަމަވެސް މީހުން މަރަމުން ދިޔަ ނިސްބަތަށް ވުރެ އިތުރަށް ދައުލަތާއި މީސްމީހުންގެ މުދަލުގައި ހުޅުޖެހުމުގެ އަމަލުތައް މިވަނީ ގިނަވާން ފަށާފަ އެވެ.
ރާއްޖޭގެ ގާނޫނު ބުނާ ގޮތުން ހުޅުޖެހުމަކީ ޓެރަރިޒަމްގެ ކުށެކެވެ. ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނާގޮތުން ތަންތަނުގައި ހުޅުޖަހާ މީހުންގެ އަދަބަކީ 15 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުމެވެ. ގާނޫނަށް ބަލާ އިރު މިއީ ބޮޑެތި އަދަބުތަކެއް ކަނޑައެޅިފައިވާ ކުށެއްކަން އެނގެ އެވެ.
މިހާތަނަށް ހިނގި ހުޅުޖެހުމުގެ ހާދިސާތަކުގެ ތެރެއިން މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީ އާއި ގދ. ތިނަދޫގައި ހުޅުޖެހި މައްސަލައާ ގުޅިގެން އެތަށް ސަތޭކަ ބައެއްގެ މައްޗަށް ދައުލަތުގެ ފަރާތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. ޝަރުއީ ކޯޓުތަކުގައި އެ މައްސަލަތަކުގެ ޝަރީއަތް ދަނީ ހިނގަމުންނެވެ. މިކަމުން އެނގޭ ކަމަކީ މިފަދަ އަމަލެއް ހިންގައިފި ނަމަ ފުލުހުންގެ މުއައްސަސާ އިން އެ ކަމެއް ބަލައި ތަހުގީގުކޮށް އެފަދަ މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެންދިޔުމަށް ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މިފަހަކަށް އައިސް މާލޭގައި ހިނގި ހުޅުޖެހުމުގެ މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލަތަކާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"ފާއިތުވި ދުވަސްކޮޅުގެ ތެރޭގައި މާލެ އާއި އަތޮޅުތަކުގައި ހިންގާފައިވާ ހުޅުޖެހުމުގެ މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ތަންތަނުގައި ހުޅުޖަހައި މީސް މީހުންނަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ދިނުމަށް ފަހު ތިމާއަށް މުޅި އުމުރު ދުވަހު ހިތްހަމަޖެހިލައިގެން އުޅެވިދާނެ ކަމަށް އެއްވެސް މީހަކު ހީކޮށްގެން ނުވާނެ އެވެ. ގާނޫނުގެ ދިގު އަތް ތިމާއާ ދިމާލަށް ކޮންމެވެސް ދުވަހަކު ފޯރާނެކަން ކޮންމެ މީހަކު ވެސް ހަނދާން ކުރަންޖެހެ އެވެ. މިކަމުގެ އެއް ހެއްކަކީ ރައްޔިތުންގެ މަޖިލީސް ހުޅުވުމާ ދިމާކޮށް މާލޭގައި މިދިޔަ އަހަރު ހިނގި ހަމަނުޖެހުންތަކުގައި ފުލުހެއްގެ ސައިކަލްގައި ރޯކޮށްލި މީހާގެ މައްޗަށް ކުށް ސާބިތުވުމުން އޭނާ 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އެހުކުމާ މެދު ހިތްހަމަނުޖެހިގެން އޭނާ އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ވެސް ވަނީ އޭނާ ކުށް ވެރިވާކަމަށް ކަނޑައަޅާފަ އެވެ. އެހެންކަމުން ހުޅުޖެހުމުގެ ކުރިން އެކަމުގެ ނަތީޖާއެއްގެ ގޮތުން ތިމާ ދިގުމުއްދަތަކަށް ޖަލުގައި ހޭދަ ކުރަން ޖެހިދާނެކަމާ މެދު ކޮންމެ މީހަކު ވެސް ވިސްނާލުމަކީ ބުއްދިވެރި ކަމެކެވެ.