ރޯމް (ސެޕްޓެމްބަރ 3): އިޓަލީގެ ބޮޑުވަޒީރު އެންރީކޯ ލެޓާގެ ކޯލިޝަން ސަރުކާރަށް އިތުބާރުއޮތްތޯ ބެލުމަށް އެގައުމުގެ ސެނެޓްގައި އިއްޔެ ނެގި ވޯޓު ބޮޑު އަޣްލަބިއްޔަތަކުން އެސަރުކާރު ކާމިޔާބުކޮށްފި އެވެ.

ވޯޓުކާމިޔާބުވީ ސެނެޓްގައި ހިމެނޭ ކުރީގެ ބޮޑުވަޒީރު ސިލްވިޔޯ ބާލުސްކޯނީގެ ޕާޓީގެ ގިނަ މެންބަރުން ބާލުސްކޯނީ އަށް ގޮންޖައްސަވައި ލެޓާގެ ސަރުކާރަށް އިތުބާރުއޮތް ކަމަށް ވޯޓު ދެއްވުންނެވެ. ޕާޓީގެ ގިނަ މެންބަރުންގެ ވޯޓާ އެކު ސަރުކާރަށް ވޯޓު ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލުކުރެވޭ ގޮތް ވުމުން އެންމެ ފަހު ވަގުތު ވިސްނުން ބަދަލުކުރައްވައި ޚުދު ބާލުސްކޯނީ ވެސް ވަނީ ސަރުކާރާ އެއްކޮޅަށް ވޯޓު ދެއްވާފަ އެވެ.

ނަމަވެސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް ބާލުސްކޯނީ ހުންނެވީ ލެޓާގެ ސަރުކާރު ވައްޓާލެވޭނެ ކަމުގެ އުންމީދުގައި އަދި ސެނެޓްގައި ސަރުކާރާ ދެކޮޅަށް އޭނާގެ ސިޔާސީ ބާރާއި ނުފޫޒު ދައްކާލެވޭނެ ކަމުގެ ފޮނި އުންމީދުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ބާލުސްކޯނީގެ"ޕީޕަލް އޮފް ފްރީޑަމް ޕާޓީ"ގެ ހަރުކަށި ބައެއް މެންބަރުންވަނީ ސަރުކާރާ އެއްކޮޅަށް ވޯޓުދޭންބޭނުން ނުވާތީ ވޯޓަށް އެހިވަގުތު ސެނެޓްގެ ތަޅުމުން ބޭރަށް ނުކުމެވަޑައިގެންފަ އެވެ. ނަމަވެސް މިއީ މަދުއަދަދެއްގެ މެންބަރުން ކަމަށްވެ އެވެ.

އިޓަލީގެ ސެނެޓްގައި ލެޓާގެ ސަރުކާރުގެ މައްޗަށް އިއްޔެނެގި އިތުބާރުގެ ވޯޓުގައި ބާލުސްކޯނީގެ ޕާޓީގެ ގިނަމެންބަރުން އޭނާއަށް ގޮންޖައްސަވައި ސަރުކާރާ އެއްކޮޅަށް ވޯޓު ދެއްވުމުގެ ސަބަބުން ލެޓާގެ ސަރުކާރު ވައްޓާލުމުގައި ބާލޫސްކޯނީވަނީ މުޅިން ނާކާމިޔާބު ވެވަޑައިގެންފައެވެ. އަދި އަމިއްލަ ޕާޓީގެ މެންބަރުންގެ މައްޗަށްވެސް ބާލުސްކޯނީގެ ކޮންޓްރޯލް ގެއްލުމުން އިޓަލީގެ ސިޔާސީ މަސްރަހުގައި ބާލުސްކޯނީގެ ބާރާއި ނުފޫޒު ވަރަށްބޮޑަށް ކުޑަވެފައިވާ މަންޒަރު ފެނިގެންގޮސްފައިވާ ކަމަށް މުރާސިލުން ބުނެއެވެ.

އިޓަލީގެ އެންމެ ބޮޑު އަދި އެންމެ މުއްސަނދި އެއްމަހުޖަނު ކަމަށްވާ ސިލްވިޔޯ ބާލުސްކޯނީ ދެކެވަޑައިގަންނަވާ ގޮތުގައި އޭނާއަކީ އޭނާ ބޭނުންފުޅުވެއްޖެ ހިނދެއްގައި އިޓަލީގެ ސަރުކާރުތައް ވައްޓާލުމުގެ ސިޔާސީ ނުފޫޒާއި ބާރާ އަދި ބުދަރަން ހުރި ބޭފުޅެކެވެ. އަދި އިޓަލީގައި ސިޔާސީގޮތުން އެންމެ ބާރުގަދަ ލީޑަރަކީވެސް އޭނާ ކަމަށް ބާލުސްކޯނީ ދެކެވަޑައިގަންނަވާ ކަމަށްވެއެވެ. ނަމަވެސް މިކަން ދައްކާލުމަށް ބާލުސްކޯނީ ސެނެޓްގައި އިއްޔެ ކުރެއްވި ތަޖްރިބާގައި ވަރަށް ހިތިގޮތަކަށް އޭނާ ބޭޒާރުވެވަޑައިގެންފައިވާ ކަމަށް މީޑީޔާ ރިޕޯޓްތައް ބުނެއެވެ.

އިޓަލީގެ ބޮޑުވަޒީރު އެންރީކޯ ލެޓާ ގެ ކޯލިޝަން ސަރުކާރު ބަލިކަށިވެ އެސަރުކާރަށް އިތުބާރުއޮތްތޯ ބެލުމަށް ސެނެޓްގައި ވޯޓަކަށް ދާންޖެހުނީ އެސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ކުރިން އޮތް ކުރީގެ ބޮޑުވަޒީރު ސިލްވިޔޯ ބާލުސްކޯނީގެ ޕާޓީގެ ފަސްވަޒީރުން މިދިޔަ ހޮނިހިރު ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެން ސެނެޓްގެ އަޣްލަބިއްޔަތު އެސަރުކާރަށް ނޯންނާނެ ކަމަށް ބެލެވިގެންނެވެ.

ބާލުސްކޯނީގެ އެދިވަޑައިގަތުމުގެ މަތިން އެފަސްވަޒީރުން އިސްތިއުފާ ދެއްވީ ސެނެޓުން ބާލުސްކޯނީ ބޭރުކޮށްލުމަށް އިދިކޮޅު ޕާޓީތަކުން ކުރާ މަސައްކަތުގައި ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ މެންބަރުންވެސް ބައިވެރިވާތީ ސަރުކާރާ ދެކޮޅަށް ބަދަލުހިފައި ސަރުކާރު ވައްޓާލުމުގެ ރޭވުމުގެ ދަށުންކަމަށް ޚަބަރުތައް ބުނެއެވެ. ބާލުސްކޯނީ ސެނެޓުން ބޭރުކޮށްލަން ސެނެޓްގައި ހިމެނޭ ގިނަ ޕާޓީތަކަކުން މަސައްކަތްކުރަނީ ދައުލަތަށް ޓެކްސް ދެއްކެވުމަށް މަކަރު ހެއްދެވުމުގެ ކުށް ސާބިތުވުމާގުޅިގެން ހަތަރު އަހަރަށް ޖަލަށްލުމުގެ ހުކުމެއް އިޓަލީގެ ކޯޓަކުން ބާލުސްކޯނީގެ މައްޗަށް ކޮށްފައިވާތީއެވެ. މިހުކުމް ހައިކޯޓުންވެސްވަނީ ކަށަވަރުވެސް ކޮށްދީފައެވެ.

ލެޓާގެ ސަރުކާރާ ދެކޮޅަށް އިޓަލީގެ ސެނެޓްގައި އިއްޔެނެގި އިތުބާރުގެ ވޯޓު ސަރުކާރުން ކާމިޔާބުކޮށްފައިވަނީ 235 ވޯޓުގެ ތަނަވަސް އަޣްލަބިއްޔަތަކުންނެވެ. ސަރުކާރަށް އިތުބާރުނެތް ކަމަށް ދީފައިވަނީ އެންމެ 70 ވޯޓެވެ. ސެނެޓްގައި ސަރުކާރަށް އިތުބާރުއޮތްތޯ ބެލުމަށްނަގާ ވޯޓުގައި ސަރުކާރާ އެއްކޮޅަށް 161 ވޯޓު ލިބުނު ނަމަވެސް ސަރުކާރަށް އިތުބާރު ލިބޭނެ އެވެ. އެހެންކަމުން އިއްޔެގެ ވޯޓަކީ އިޓަލީގެ ގައުމީ މަސްލަހަތަށް ބަލާފައި މެންބަރުން ދެއްވި ވޯޓެއްކަމަށް ވަނީ ބެލެވިފަ އެވެ.

ވޯޓުގެ ކުރިން ބޮޑުވަޒީރު ލެޓާ، ސެނެޓްގެ މެންބަރުންނާ މުޚާތަބު ކުރައްވައި ދެއްވި އަސަރުގަދަ ތަޤްރީރުގައި، ސެނެޓުން އިތުބާރު ނުދީ އޭނާގެ ސަރުކާރު ވައްޓާލުމަކީ އިޓަލީގެ ގައުމީ މަސްލަހަތަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމުގެ އިންޒާރު ލެޓާ ވަނީ ދެއްވާފައެވެ. (ރޮއިޓާސް)