03 Oct 2013, 10:09
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެސްއެސްސީ އަދި ޖީސީއީ އޯލެވެލް އިންތިހާނަށް ބުރު ނާރާ ގޮތަށް ސިޔާސީ ޕާޓީތަކުން އަމަލު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ގޮވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އޯލެވެލް އިމްތިހާނަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބާއްވާ އިމްތިހާނެއް ކަމަށާއި އެހެން ކަމުން އެ އިމްތިހާނަށް ތައްޔާރުވަމުންދާ ދަރިވަރުންނަށް ދަތި ނުވާނެ ގޮތަކަށް ސިޔާސީ ޕާޓީތަކުގެ އަމަލުތައް ބެހެއްޓުމަށް އެ ކޮމިޝަނުން ގޮވާލާ ކަމަށެވެ.
"ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ހަރަކާތްތައް ހިންގައި އެންމެހައި ފަރާތްތަކުން ވެސް ގާނޫނު އަސާސީ އާއި ހެދިފައިވާ ގާނޫނުތަކުން ލިބިފައިވާ އެއްވުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރެއްވުމުގައި އެސްއެސްސީ، ޖީސީއީ އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ކިޔެވުމުގެ މަސައްކަތަށް ބުރުނާރާ ގޮތުގެ މަތިން އަމަލުތައް ބެހެއްޓުމަށް ސަމާލުވެވަޑައިގަތުމަށް ދަންނަވަމެވެ،" އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ކޮމިޝަންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އޯލެވެލް އިމްތިހާނަކީ ރޭގަނޑާއި ދުވާލު ދަރިވަރުން ވަރަށް ބޮޑަށް ތައްޔާރުވާ އިންތިހާނަކަށް ވާތީ ޕާޓީތަކުން ކެމްޕޭން ކުރުމުގައި އެ ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ކޮމިޝަނުން އެދިފައިވެ އެވެ.