މެންޗެސްޓާ ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގެ މެޗުގައި ބަޔާން މިއުނިކް އަތުން 3-1 އިން ސިޓީ ބަލިވެއްޖެ އެވެ.

ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުން ވަނީ، ރޭ ސިޓީއަށް އެޓީމަކީ ވިލާތުގެ ފުޓްބޯޅައިގައި އަދިވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހިފައިވާ ޓީމެއް ކަމަށާއި އަދި ބަޔާން އަކީ އަދިވެސް މުބާރާތުގެ ޗެމްޕިއަންކަން ދިފާއު ކުރުމުގެ ގާބިލްކަން ހުރި ޓީމެއް ކަން ދަސްކޮށްދީފަ އެވެ.

މެޗު ފެށުމާއެކު ބަޔާއިން ސިޓީގެ ގޯލަށް ހަމަލާތައް އުފައްދަން ފެށިއިރު ޕެޕް ގާޑިއޮލާގެ ޓީމުން މެޗުގެ ކުރި ހޯދީ ހަތް ވަނަ މިނިޓުގައި ފްރޭންކް ރިބެރީ ވަރަށް ދުރުން ފޮނުވާލި ބޯޅައެއް ސިޓީގެ ގޯލަށް ވައްދާލައިގެންނެވެ.

ބަޔާގެ ދެވަނަ ލަނޑު ފުރަތަމަ ހާފް ނިމެން 11 މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ. އަދި ފަސް ޖެހުމެއްނެތި އެޓީމުގެ ތިންވަނަ ލަނޑު 59 ވަނަ މިނިޓުގައި ކާމިޔާބުކޮށް ބަޔާންގެ ލީޑު ފުޅާކޮށްދިނީ އާރްޔަން ރޮބޭން އެވެ.

ސިޓީއަށް މެޗުގައި ކާމިޔާބުކުރެވުނު ހަމަ އެކަނި ލަނޑު މެޗުގެ 79 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އަލްވާރޯ ނެގްރެޑޯ އެވެ. މެޗު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ބަޔާންގެ ޑިފެންޑަރު ޖެރޯމް ބޯޓޭން ޔާޔާ ޓޫރޭއަށް ފައުލު ކުރުމާގުޅިގެން ރެފްރީ ވަނީ ބޯޓޭން އަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

ރޭގެ މެޗުގައި ސިޓީ ކޮޅަށް ތިން ލަނޑުވެސް ވަދެފައިވަނީ އެޓީމުގެ އިންގްލެންޑް ގޯލް ކީޕަރަށް ހެދުނު ގޯސް ތަކެއްގެ ސަބަބުންނެވެ. އެހެން ނަމަވެސް އެޓީމުގެ ކޯޗު މެނުއަލް ޕެލެގްރިނީ ބުނީ ބަލިވުމުގެ ޒިންމާ މުޅި ޓީމުން ނަގަން ޖެހޭނެ ކަމަށެވެ.

"އަހަރެމެންގެ ކުޅުން ރޭ ހަމަ ދަށީ. މިއީ އަހަރެމެންނަށް ޕްރިމިއާ ލީގުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ސިޓީގެ ފެންވަރެއް ނޫން،" ސިޓީގެ ކޯޗު ބުންޏެވެ. "އަހަރެމެންނަށް ސްޕޭސް ނުލިބުނުތާ އެވަރަށް މަސައްކަތްވެސް ކުރެވުނީކީ ނޫން."

ޕެލެގްރިނީ ބުނީ، ސިޓީއާ ބަޔާންގެ ހުރި ތަފާތަކީ ރޭގަ ފެނިގެން ދިޔަ ކަންތައް އެކަނި ނޫން ކަމަށާއި އެ ހުރިހާ ކަމެއް ހޯދައި ރަނގަޅު ކުރަން އޭނާއަށް އެބަ ޖެހޭ ކަމަށެވެ.

ރޭގެ މޮޅާއެކު ބަޔާންއަށް ވަނީ ކުޅުނު ދެމެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ގްރޫޕު ޑީ ގެ ކުރި ލިބިފަ އެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކު ސިޓީ އޮތް އިރު ތިންވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ސީއެސްކޭއޭ މޮސްކޯ އެވެ. އަދި ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައި އޮތީ ވިކްޓޯރިއާ ޕްލެޒްން އެވެ.

ގްރޫޕް ޑީގައި ރޭ ރަޝާގެ ސީއެސްކޭއޭ މޮސްކޯގެ ދަނޑުގައި ވިކްޓޯރިއާ ދެކޮޅަށް ކުޅުނު މެޗު 3-2 އިން ކާމިޔާބުކުރީ މޮސްކޯއެވެ.