ހދ. ކުޅުދުއްފުށީގައި ޕިކަޕަކުން ވެއްޓި ޒުވާނަކު މަރުވެއްޖެ އެވެ.

މިއަދު ހެނދުނު 8:20 އެހާކަންހާއިރު ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ ކުޅުދުއްފުށި ބަތަލާފަރު، މުހައްމަދު އަބުދުﷲ،19، އެވެ.

މުހައްމަދު އަބުދުﷲ ބެއްލެވި ޑޮކްޓަރު ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުނުވާ ކަމަށާއި އޭރު ވަރަށް ކުރުކޮށް ނޭވާލަމުން ދިޔަ ކަމަށެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

"ވަރަށް ކުރުނެވާތަކެއްލަމުން ދިޔައީ. ގެނައިރު ވެސް އަންކޮންޝަސްކޮށް އޮތީ،" ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ އެ ޒުވާނާ ކުއްލި ގޮތަކަށް މަރުވެފައި ވަނީ ބޮލަށް ލިބުނު ގެއްލުނުތަކަކުން ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ބޮލުގެ ނާށިގަނޑު އެތެރެއަށް ގެއްލުންތަކެއް ލިބި އަނގައިންނާއި ނޭފަތުން ލޭ އައިސްފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

"ވެއްޓި ޖެހުނު ގޮތުން ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން މަރުވާން ދިމާވީ. އިންޓާނަލް ބްލީޑިން ވެސް އެބަހުރި. ބޭރުފުށުން އަނިޔާތަކެއް ފެންނާކަށް ނެތް،" ޑޮކްޓަރު ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ އޭނާގެ ކަނދުރާ އަށް ވެސް ގެއްލުންތަކެއް ލިބިފައި ހުރި ކަމަށާއި ނަމަވެސް އެކްސްރޭ ނަގާފައިނުވާތީ ލިބިފައި ހުރި ގެއްލުމުގެ ތަފްސީލް ދަންނަވަން ނޭނގޭ ކަމަށެވެ.

ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު ބުނީ އެ ހާދިސާ ހިނގީ ފިހާރައަކަށް މުދާ ހުސްކުރުމަށް ފަހު އެނބުރި ބޯޓާއި ދިމާލަށް ދިޔަ ވަގުތު ކަމަށެވެ. އަދި އޭރު ޕިކަޕްގެ ފަހަތުގައި އިތުރު ޒުވާނުންތަކެއް ތިބި ކަމަށް ވެސް އެމީހާ ބުންޏެވެ. އޭނާ ބުނީ އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައީ ވެސް ޕިކަޕެއްގައި ކަމަށާއި ޕިކަޕްގެ ތެރޭ ވެސް ވަރަށް ލޭ ހުރި ކަމަށެވެ.